އިންޑިއާގެ މުމްބާއިގައި ގިނަ އަދަދެއްގެ އަންހެނުން ވާނުވާއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ބަހުސެއް ފަށައިފިއެވެ. ބައެއް ތަހުގީގުތަކާއި ފުލުހުންގެ ރިޕޯޓްތަކާ ހަވާލާދީ މަހަރާޝްޓްރާ ސްޓޭޓްގެ އަންހެނުންގެ ކޮމިޝަންގެ ޗެއާޕާސަން ރޫޕާލީ ޗަކަންކާރު ވިދާޅުވީ މިއަހަރުގެ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މަހަރާޝްޓްރާ ސްޓޭޓުން ޖުމްލަ 3،594 އަންހެނުން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އަންހެނުން ނިސްބަތްވަނީ މުމްބާއީއަށެވެ.
އިންޑިއާގައި އަންހެނުން ގެއްލޭ މައްސަލައަށް ދީނީ ކުލަވަރެއްދީގެން، އެއީ ޖިހާދަށް އަންހެނުން ފޮނުވުން ކަމަށް ބީޖޭޕީގެ ސިޔާސީ ފަރާތްތަކުން ދައްކަން މަސައްކަތް ކޮށްފައި ވެއެވެ. ކަރްނާޓަކާގެ ނިމިދިޔަ އިންތިޚާބާ ދިމާކޮށް ބީޖޭޕީގެ ސަޕޯޓްގައި ރިލީޒް ކުރި ކެރެލާ ސްޓޯރީއަށް ފަހު މި މައްސަލަ އިތުރަށް ބޮޑު ކޮށްފައި ވެއެވެ.
މުމްބާއީގައި ގެއްލިފައިވާ އަންހެނުންގެ އަދަދު މަސްއޫލު ފަރާތުން ހާމަ ކޮށްފައިވާއިރު އެމީހުންގެ ދީނީ ނިސްބަތްތައް ހާމަ ކޮށްފައެއް ނުވެއެވެ.
އިންޑިއާއަކީ ކަސްބީ މަސައްކަތަށް އަންހެނުން ވިއްކާލުމަށް އަންހެނުން ވަގަށް ނެގުމުގެ ވިޔަފާރި އޮންނަ ތަނެކެވެ.
އަންހެނުން ގެއްލިފައިވާ މައްސަލަތަކަކީ ޖެނުއަރީ މަހުން މާޗް މަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ. އެ މައްސަލަތަކުން ދައްކުވައިދެނީ އަންހެނުންނާ ދެކޮޅަށް ކުށުގެ ވަރުގަދަ ނެޓްވޯކެއް އޮތް ކަން ކަމަށް ވިމެންސް ކޮމިޝަނުން ބުނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ގެއްލިގެން ހޯދަމުންދާ ގާތްގަނޑަކަށް 3،594 އަންހެން ކުދިންނާއި އަންހެނުން ނިސްބަތްވަނީ 16 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާއަށެވެ.
މުމްބާއީން ގެއްލިފައި ވަނީ 383 މީހުންނެވެ. އަދި އެއަށްފަހު ދެން އެންމެ ގިނައިން މީހުން ގެއްލިފައި ވަނީ އަޙްމަދުނަގަރު ޓައުން އިންނެވެ. އެއީ 183 މީހުންނެވެ. ޕޫނޭ ރަށްފުށުގެ ހިސާބުތަކުން ގާތްގަނޑަކަށް 156 އަންހެނުން ގެއްލިފައިވާއިރު، ޕޫނޭ ސިޓީގައި 148 މީހުން ގެއްލިފައި ވެއެވެ.
ވިމެންސް ކޮމިޝަނުން ބުނާ ގޮތުގައި ގެއްލިފައިވާ ތިން ހާހަށް ވުރެ ގިނަ އަންހެނުންގެ ތެރެއިން ބައެއް އަންހެނުން ހޯދިފައިވާއިރު، އަނެއް ބައެއްގެ ވާނުވާ އަދި ވަނީ ނޭނގިފައެވެ.
އިންޑިއާގެ އެހެން ސްޓޭޓްތަކުގައި ވެސް އަންހެނުން ގެއްލިގެން ރިޕޯޓް ކުރެއެވެ. ދާދި ފަހުން ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ)ގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ގުޖުރާތުގައި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 40،000 އަންހެނުން ގެއްލިފައިވެ އެވެ.
އަންހެނުން ގެއްލުމުގެ ގިނަ މައްސަލަތަކަކީ އަންހެނުން އަމިއްލަ އިޚްތިޔާރުގައި ފިލައިގެން ދިއުމުގެ މައްސަލަތަކެވެ. އެހެންނަމަވެސް ބައެއް މައްސަލަތަކުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުން އެމީހުން ގެއްލުވާލާކަން ފާހަގަ ވާކަމަށްވެސް ބުނެފައި ވެއެވެ.