ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއެކު އެ މުއައްސަސާއަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

6 ޑިސެންބަރު 2020 ވި އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިއަދުއެވެ.

އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ އިސްލާހުތަކަކީ ފުލުހުންގެ މުއައްސަސާގެ އެތައް ބަޔަކާއި ދިވެހި ރައްޔިތުންގެ އެތައް ބަޔަކު އެދި ތިބި އިސްލާހުތަކެއް ކަމަށެވެ.

ދިވެހި ފުލުހުންގެ މި ބިލުގެ އިސްލާހުތަކަކީ ފުލުހުންގެ އެތައް ބަޔަކާއި އެ މުއައްސަސާ އާއި އަދި އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި ތިބި އިސްލާހުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބިލް ތަސްދީގު ކުރުމާއެކު ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް ކެންޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.