އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްވެ ހުންނަވާ އުފައްދަވާ އައު ސިޔާސީ ޕާޓީއާ ގުޅޭ ކަންކަމުގެ ސްޕޯކްސްޕަރސަންއަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ސީއީއޯ އަފްޝަން ލަޠީފް ހަމަޖައްސައިފިއެވެ.

އަފްޝަން ސްކޯސްޕަރސަންއަކަށް ހަމަޖެއްސެވިކަން އިއުލާނުކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ޓުވީޓެއްގައެވެ.

”އަޅުގަނޑުމެން އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާގުޅޭ ކަންކަމުގެ ސްޕޯކްސްޕަރސަންއަކީ އަފްޝަން ލަޠީފް ކަަމުގައި ދަންނަވަމެވެ.“ ޙަސަން މިއަދު ކުރެއްވި ޓުވީޓުގައިވެއެވެ.

މިދިޔަ ހަފްތާގައި އާއިލީ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށް ކަމަށް ވިދާޅުވެ، އެލްޖީއޭގެ ސީއީއޯކަމުން އަފްޝަން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އަފްޝަން އިސްތިއުފާ ދެއްވިއިރު, ދާދިފަހުން ސަރުކާރުން ވަނީ އޭނާގެ ފިރިކަލުން ޙުސައިން އަމްރު އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކުރައްވައިފައެވެ.

އަމްރަކީ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.