މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 16.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ ކެނަބިސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު އާއްމުކުރި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި 8896 ގްރާމްގެ ކެނަބިސް، 3063 ގްރާމްގެ ކޮކެއިން، 2151 ގްރާމްގެ ހެރޮއިންގެ އިތުރުން މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ އެހެނިހެން ތަކެތީގެ ގޮތުގައި 2183 ގްރާމްގެ ތަކެތި ހިމެނެއެވެ.

މިމުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި 1154 މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން 461 މައްސަލަ ނޯޓުކޮށްފައިވާކަމަށައި، މި މުއްދަތުގެ ތެރޭގައި 331 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 69 މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރަން ޕްރޮސިކިއުޓާޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށާއި މީގެ އިތުރަށް 77 މައްސަލަ ވަނީ ނިންމައި، ފައިލްކޮށްފައި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 314 ދިވެހިންނާއި 17 ބިދޭސީންނެވެ.

އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ، މާލެ ސިޓީންމާލެއިން 268 މައްސަލައެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ މާފަންނުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން 125 މައްސަލައެއް މާފަންނުން ވަނީ ހުށަހަޅާފައެވެ. ކުޅުދުއްފުށީ ސިޓީން 19 މައްސަލަ، އައްޑޫ ސިޓީން 18 މައްސަލަ އަދި ފުވައްމުލައް ސިޓީން 17 މައްސަލައެއް ފުލުހަށް ހުށައަޅާފައިވެއެވެ.