މެންޗެސްޓަރ ސިޓީއަށް މިސީޒަނުގައި ޕްރިމިއަރ ލީގް ޗެމްޕިއަންކަން ހައްގު ކަމަށާއި އެކްލަބުގެ ކުޅުންތެރިންނާއި ކޯޗް ޕެޕް ގާޑިއޯލާއަށް މަރުޚަބާ ކިޔާ ކަމަށް ސީޒަނުގެ ބޮޑުބައިގައި ލީގުގެ އެއްވަނަ ދެމެހެއްޓި އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނެފިއެވެ.

ސިޓީއަށް ލީގް ޗެމްޕިއަންކަން ކަށަވަރުވީ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން އާސެނަލް 1-0 އިން ބަލިވުމުންނެވެ. މިމެޗް ކާމިޔާބުކޮށް ފޮރެސްޓް ވަނީ ރެލިގޭޝަނުން ސަލާމަތްވެފައެވެ.

"އެންމެ ފުރަތަމަވެސް ސިޓީއަށް މަރުޚަބާ ކިޔަން. އެމީހުންނަކީ ޗެމްޕިއަން. ސިޓީއަށް ޗެމްޕިއަންކަން ލިބުން ހައްގު. ސިޓީއިން 38 މެޗުން ދައްކުވައިދީފި އެމީހުންގެ ތަފާތު. އަހަރެމެންނަށް އެތަފާތު ނުދެއްކުނުކަން ގަބޫލް ކުރަން ޖެހޭ" އާސެނަލްގެ ކޯޗްކަމާ ހަވާލުވުމުގެ ކުރިން ސިޓީގައި ގާޑިއޯލާގެ އެސިސްޓެންޓަކަށް މަސައްކަތް ކުރި އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ސީޒަނުގެ އެންމެފަހު 8 މެޗާއި ކުރިމަތިލިއިރުވެސް ލީގުގެ ކުރީގައި އާސެނަލް އޮތުމުން ލީގް ޗެމްޕިއަންކަން ހޯދޭނެ ކަމަށް ސަޕޯޓަރުން ގަބޫލް ކުރި ކަމަށާއި ސަޕޯޓަރުންގެ އުއްމީދުތައް ހާސިލް ނުކޮށްދެވުމުން މައާފަށް އެދޭ ކަމަށެވެ.

މިއީ މެންޗެސްޓަރ ސިޓީއިން ފާއިތުވެދިޔަ 6 ސީޒަނުގެ ތެރެއިން ލީގް ޗެމްޕިއަންކަން ހޯދި 5 ވަނަ ސީޒަނެވެ. އަދި ޖެހިޖެހިގެން ލީގް ޗެމްޕިއަންކަން ހޯދި 3 ވަނަ ފަހަރެވެ. ލީގުގައި މިރޭ ރާއްޖޭ ގަޑިން 20:00 ގައި އަމިއްލަ ދަނޑުގައި ސިޓީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.