ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވައި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

މީގެ އިތުރުން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަޑައިގެންނެވިއެވެ.

އަދި "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް ހުށަހަޅާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފައެވެ.

މި ޕާޓީ އުފެއްދުމަށްޓަކައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ވަނީ މިދިޔަ ބުދަ ދުވަހު އެމްޑީޕީއިން ވަކިވެފައެވެ ނަމަވެސް ނަޝީދު އަދިވެސް އެމްޑީޕީން ވަކިވެފައެއް ނުވެއެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.