އިންޑިއާއާއި އެމެރިކާއިން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށްޓަކައި އިއުލާން ކޮށްފައިވާ ޕްރޮގްރާމަކީ އައިސެޓް ޕްރޮގްރާމެވެ. އެއީ، މިއަހަރުގެ ކުރީކޮޅުގައި އިއުލާން ކުރި އިނިޝިއޭޓިވް އޮން ކްރިޓިކަލް އެންޑް އިމަރޖިންގ ޓެކްނޮލޮޖީސް (އައިސެޓް) އެވެ.
އައިސެޓްގެ ދަށުން ދެގައުމުން މަޝްވަރާކޮށްފައި ވަނީ ޖެޓް އިންޖީނާއި ލޯންގް ރޭންޖް އާޓިލަރީ އަދި އިންފެންޓްރީ ވެހިކަލް ދެ ގައުމުން ގުޅިގެން އުފައްދާށެވެ.
މަސްއޫލުފަރާތްތަކުން ވިދާޅުވާގޮތުގައި މި މަސައްކަތަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދެގައުމުން ގުޅިގެން އުފެއްދުމުގެ އިސްނެގުމެއް ކަމަށެވެ.
އަދި އިންޑިއާއިން އުންމީދު ކުރަނީ އަންނަ މަހު އިންޑިއާގެ ބޮޑު ވަޒީރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ހައި ޓެކްނޮލޮޖީގެ ބައެއް އިނިޝިއޭޓިވްތައް ދެފަރާތުން ގުޅިގެން އިއުލާން ކުރައްވާނެ ކަމަށެވެ.
މޮދީގެ އެމެރިކާ ދަތުރުގެ ކުރިން ދެ ގައުމުގެ ދިފާއީ އީޖާދީ އުފެއްދުމުގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށް އައިސެޓް ޕްރޮގްރާމުގެ ދަށުން އިންޑަސް-އެކްސް ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމެރިކާއާއި އިންޑިއާއިން ވަނީ ދެ ގައުމުގެ 17 ވަނަ ބައްދަލުވުމުގައި މި ދާއިރާތަކުން މަޝްވަރާ ކޮށްފައެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ ދިފާއީ ސިނާއީ އުފެއްދުމާއި ސިފައިންނާއި ސިފައިންގެ ދެމެދު އެއްބާރުލުން ދިނުމާއި ތަމްރީންތަކާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަންކަމުގައި އެއްބާރުލުން ދިނުމެވެ.