ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުالله އިން ވަނީ އިޒްރޭލި ބިރު ގަންނަވާލުމަށް، އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރާނެ ހަނގުރާމަވެރިންނާއި އެމީހުންގެ އުކުޅުތައް މީޑިއާއަށް ދައްކާލައިފައެވެ.

ލުބުނާނުގެ ދެކުނުގައި އޮންނަ ހިޒުބުﷲގެ ތަމްރީނު ސައިޓަށް މީޑިއާއަށް ދައުވަތު ދީގެން ގެންގޮސްފައި ވެއެވެ.

މީޑިއާއަށް ދައްކާލި ހަނގުރާމައިގެ އުކުޅުތަކުގައި މޫނު ނިވާކޮށްގެން ތިބި ހަނގުރާމަވެރިން އަލިފާން ރޯކޮށްފައިވާ ހޫޕްތަކުގެ ތެރެއިން ފުންމާލާ މަންޒަރާއި، ސައިކަލުގައި ދަމުން ފަހަތުން ބަޑިޖެހުމުގެ އުކުޅުތަކާއި ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި ހުރި ހުރަހެއްގެ މަތީގައި ފަރުބަދަތަކުގައި ޖަހާފައިވާ އިސްރާއީލުގެ ދިދަތައް ގޮއްވާލާ ގޮތް ދައްކާފައި ވެއެވެ.

މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ 2000 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ދެކުނު ލުބުނާނުން އިސްރާއީލު ސިފައިން ފޭބުމުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތައްޔާރީގެ ތެރޭންނެވެ.

ހިޒުބުﷲއަކީ ހަމާސްއާއެކު އިޒްރޭލުން އެންމެ ބިރުގަންނަ ހަނގުރާމަވެރި އެއް ޖަމާއަތެވެ.