ވެލެންސިޔާ ސަޕޯޓަރުން އޭނާއާ ނަސްލީ ގޮތުން ދިމާކުރި ކުރުމަށް މެޗުގެ ރެފްރީ އެއްވެސް ފިޔަވަޅެއް ނޭޅުމުން ރެއާލް މެޑްރިޑުގެ ތަރި ވިނީޝިއަސް ޖޫނިއަރ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

"އެއްއިރެއްގައި ލަލީގާ (ސްޕެއިނިޝް ލީގް) ނިސްބަތްވެފައި އޮތީ ރޮނާލްޑީނިއޯ، ރޮނާލްޑޯ، ރިވާލްޑޯ، ރޮނާލްޑޯ (ކްރިސްޓިއާނޯ) އަދި މެސީއަށް. އެކަމަކު މިހާރު ލަލީގާ ނިސްބަތްމިވަނި ނަސްލީގޮތުން ދިމާ ކުރާ މީހުންނަށް" މެޗަށްފަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވިނީޝިއަސް ބުންޏެވެ.

"މިއީ ނަސްލީ ގޮތުން ދިމާކޮށްލި ފުރަތަމަ ފަހަރެއް ނޫން، ދެވަނަ ފަހަރެއްވެސް ނޫން އަދި ތިންވަނަ ފަހަރެއްވެސް ނޫން. ނަސްލީ ގޮތުން ދިމާ ކޮށްލުމަކީ ލަލީގާގައި އާދައިގެ ކަމެއް. ލަލީގާއަށްވެސް މިއީ އާދައިގެ ކަމެއް. ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުންވެސް ދެކެނީ މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި" ވިނީޝިއަސް ބުންޏެވެ.

ވިނީޝިއަސް އޭނާގެ ޕޯސްޓުގައި އިތުރަށް ބުނީ ލަލީގާ އާއި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނަސްލީ ގޮތުން ދިމާކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި މިކަން ނުހުއްޓުވޭނަމަ، ރެއާލް މެޑްރިޑާއި ލަލީގާ ދޫކޮށްލަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ.

"ސްޕެއިނަކީ ރީތި ގައުމެއް. އެކަމަކު ނަސްލީ ދިމާ ކުރުންތަކާއި ހުރެ މިގައުމުގެ މަލަމަތި މުޅިން ހަޑިވެއްޖެ. މިހާރު މުޅި ބްރެޒިލް ރައްޔިތުންވެސް ގަބޫލް ކުރޭ ސްޕެއިނަކީ ނަސްލީ ގޮތުން ދިމާ ކުރުމުގައި ހައްދުފަހަނައަޅާފައި އޮތް ގައުމެއް ކަމަށް. ދެރަވޭ މިހެން ބުނަންވެސް" ވިނީޝިއަސް،22، ބުންޏެވެ.

ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ މުޅި ސްޓޭޑިއަމުން އިވެމުންދިޔައީ ވެލެންސިޔާ ސަޕޯޓަރުން ނަސްލީ ގޮތުން ވިނީޝިއަސްއާ ދިމާ ކުރުމަށް ގޮޮވޮ ގޮވެލިފަތި ކަމަށާއި އެވަރުގެންދާއިރު މެޗް ހުއްޓާލަނުލައި ކުރިއަށް ގެންދިޔުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވިނީޝިއަސް މެޗް ނިންމާލަން ޖެހުނީވެސް މެޗުގެ އިތުރު ވަގުތުގައި ދެއްކި ރަތްކާޑާއެކުއެވެ. އަންޗެލޮއްޓީ ބުނީ ރަތްކާޑަކާ ހަމައަށް ވިނީޝިއަސް ދާންޖެހުނީ މެޗް ހުއްޓާނުލައި ރެފްރީ ކުރިއަށް ގެންދިޔުމުގެ ސަބަބުން ކަމަށެވެ.

ވެލެންސިޔާ އަތުން ރެއާލް ބަލިިވީ 1-0 އިންނެވެ. މިއާއެކު ރެއާލް މިހާރު އޮތީ އެތުލެޓިކޯ މެޑްރިޑުގެ ފަހަތުން ތާވަލުގެ 3 ވަނައިގައެވެ.