މި ސަރުކާރުން 61 ރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސްޓޭޝަން އެޅުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެހިފައިނުވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދު ﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ ޕޮލިސްޓޭޝަންތައް ގާއިމުކުރުމުގެ މަޝްރޫއަށް 2021 ވަނަ އަހަރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އަދި ފައިނޭންސް ހަމަޖެހުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

61 ޕޮލިސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއަކީ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން އިންޑިޔަން އެގްޒިމް ބޭންކުން ފައިނޭންސް ކުރާގޮތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއެއްކަމަށް އިމްރާން ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ އިމްރާން ވިދާޅުވީ ފައިނޭންސް ކަންކަން ހަމަޖެއްސުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް މިހާރު ފުރިހަމަ ކުރެވިފައިވާކަމަށާއި، އުންމީދަކީ މިއަރުގެ ތެރޭގައި ފައިނޭންސް ހަމަޖެހި އަމަލީގޮތުން މަސައްކަތް ފެށިގެންދާނެކަމަށެވެ.