ބޯޑަރު އަލުން ހުޅުވާލިފަހުން އެއް ދުވަހެއްގެ ތެރޭގައި 6،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްގެން، މިދިޔަ 24 ގަޑިއިރު ތެރޭ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ވަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާއާއި ޝުކުރު އަދާކުރައްވާފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 6،170 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 77262 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރި 35759 ފަތުރުވެރިންނާ އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.