ހަންގޭރީ އާއި މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އިސްޓްވާން ސްޒާބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

މިއަދު މެންދުރުކުރިން އެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. ރައީސް ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ޙަފްތާގައި ރާއްޖެއާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 48 އަހަރު ފުރޭކަން ފާާހަގަކުރައްވައި، ޚާއްޞަކޮށް ފާއިތުވި ދެއަހަރު ދެޤައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ހަންގޭރީގެ ސަފީރު ވަނީ، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާާޅުވެފައެވެ.

މީގެއިތުރުން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމްވެސް ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މެލޭޝިޔާގެ އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޙްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވިއެވެ.މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ މެދުގައި އިޤުތިޞާދީ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން ސޮއެކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދެޤައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާކަން ފާހަގަކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިދާރީހިންގުމުގައި ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް، މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމަށް ރާއްޖެއިން މަރުޙަބާކިޔުމުގެ ޝައުޤުވެރިކަން އޮތްކަމަށާއި، ދެޤައުމުގެ ދެމެދުގައި ކުރެވޭ ފްލައިޓް ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިޔަށް އޮތްތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ދިވެހިރާއްޖެއިން މެލޭޝިޔާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1968ގައެވެ.