މާފަންނު ފިހާރައަކުން ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއާއި އޭނާގެ ގަޔަށް ދަވާދު ޖެހި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މާފަންނު ފިހާރައަކުން ވައްކަންކުރި މީހަކު ހިފަހައްޓައިގެން އުޅޭކަމުގެ ރިޕޯޓް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު ވައްކަން ކުރި ކަމަށް ބުނާ މީހާއާއި އޭނާގެ ގަޔަށް ދަވާދު ޖެހި މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައި ވައްކަން ކުރި ކަމަށް ބުނާ މީހާއާއި އޭނާގެ ގަޔަށް ދަވާދު ޖެހުމުގެ އެ އަމަލު ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާކަމަށްވެސް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިޔޯއެއް ގައި ފެންނަނީ ވައްކަންކުރި ކަމަށް ބުނާ މީހާގެ މޫނާއި ގަޔަށް ހުދު ދަވާދު އުނގުޅާފައި ހުރި މަންޒަރެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން ދަނީ ބަލަން ޖެހޭ ކަންތައްބަލައި ހޯދަމުންނެވެ.