މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށް ހޯދަމުން ދިޔަ އިބްރާހިމް އަބްދުﷲ (ގައްބަރޭ)، އޭނާ ހޯދަމުންދާތާ ހަފުތާއެއް ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް މިއަދު ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.
އޭނާ ހޯދަން ފުލުހުން އިއުލާނުކުރީ މި މަހުގެ 15ވަނަ ދުވަހުއެވެ. އަދި ފުލުހުން، ގައްބަރޭ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ވެސް އޭނާ ހުރީ މާލޭގައެވެ.
ފުލުހުން ވިދާޅުވީ، ގައްބަރޭ ހޯދަމުން ދިޔައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.
ގައްބަރޭ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ. އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ މިމަހު އެއްވަނަ ދުވަހު، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް, ފަސް މީހުންގެ ގްރޫޕަކުން މެންބަރު ޒަރީރަށް ހަމަލާދީ އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. މެންބަރު ޒަރީރަށްވަނީ މަރުތޭލައަކުން ޖަހައި ބޯ ފަޅާލުމުގެ އިތުރުން އެހެން ބައެއް އަނިޔާތަށް ވެސް ލިބިފައެވެ.