ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.
މި މައްސަލައާއި ގުޅިގެން، މަޖިލިހުގެ ނައިބު ރައީސްގެ މަގާމް ދިފާއު ކުރެއްވުމަށްޓަކައި އެމްޑީޕީގައި ދެމިހުންނެވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އެ ޕާޓީގެ ތެރޭގައި މީގެ ކުރިން އޮތް އަސާސްތަކާއި އުސޫލުތައް މިހާރު ފުނޑާލާފައިވާ ކަމަށް އީވާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެ ޕާޓީން އީވާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިޔަސް މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އިއްޔެ މަޖިލިހުގައި އިއުލާން ކުރި ގޮތުން ނަމަ 55 އެވެ.