ހައުސިންގ މިނިސްޓަރ އާތިފާ ޝަކޫރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަނީ

0
މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އާތިފާ ޝަކޫރު

ނިމިދިޔަ ސަރުކާރުން “ހިޔާ” މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިކުރުވުމުގެ ބޮޑު މަޝްރޫއަށް ބަދަލުތަކެއް ގެންނަން އުޅޭތީ އެކަމުގެ މައުލޫމާތު ސާފުކުރުމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވައިފި އެވެ.

މިނިސްޓަރު އާތިފާ މަޖިލިސްއަށް ހާޒިރުކޮށް ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މަޖިލސް މެމްބަރު އަބްދުﷲ ރިފާއު އެވެ.

މިނިސްޓަރު އާތިފާއާއި ސުވާލުކުރައްވަނީ ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓްތައް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ބައެއް ފްލެޓްތަކަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ވާހަކަދައްކަވާފައިވާ ކަމަށް ބުނެ އެވެ.

Advertisement

ރިފާއުގެ ސުވާލުގައި ވަނީ މިހާރު ބޮޑެތި މަސައްކަތްތައް ނިމިފައިވާ 7000 ފްލެޓްގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓާއި އަދި މަސައްކަތް ފަށާފައި ނުވާ 2500 އެޕާޓްމަންޓް ހިމެނޭ  2 ކޮޓަރީގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން މެމްބަރުވަނީ އެކަން ސާފުކޮށްދިނުމަށާ ފްލެޓްތަކުގެ ހައްގުވެރިންނަށް އެ ފްލެޓްތައް ލިބޭނެތޯ ޔަގީންކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ބައެއް ފްލެޓްތަކަށް ބަދަލު ގެނައުމަށް ނިންމީ ނިމިދިޔަ ސަރުކާރުގެ ހިޔާ މިމަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވަނީ މުޅިން ވެސް އެއް ކޮޓަރިއާއި ދެކޮޓަރީގެ ފްލެޓް ކަމަށްވާތީ ކަމަށެވެ. ނަމަވެސް އާ ސަރުކާރުން ވަނީ ބައެއް ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރުމަށް ނިންމާފަ އެވެ.

ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށްފަހު، ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ގާތްގަނޑަކަށް 20،000 މީހުން ކުރިމަތިލި އެވެ. އަދި މީގެތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބިފައިވާ ކަމުގެ ލިޔުންވެސް އޭރުގެ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ބޭއިންސާފުން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެ އެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފަ އެވެ. މިކޮމިޓީގެ މަސައްކަތް ފަށާފައިވީ ނަމަވެސް ކޮމިޓީގެ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް މިހާތަނަށް މީޑިއާތަކާވެސް އަދި ރައްޔިތުންނާވެސް ހިއްސާކޮށްފައެއް ނުވެއެވެ.

Advertisements