މިހާރުވެސް އޮޕަރޭޓު ކުރަމުންއަންނަ ތިން އެއަރޕޯޓު ތަރައްޤީ ކުރުމަށް ހުޅުވާލައިފި އެވެ. އެއީ މަޑިވަރު އެއާޕޯޓު، ދާލު އެއާޕޯޓު އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އެވެ.

މި ތިން އެއަރޕޯޓް ތަރައްޤީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ފުރުސަތު ހުޅުވާލާފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވައިދުގެ ދަށުންނެވެ.

މި ތިން އެއަރޕޯޓުގެ މަޝްރޫއުއަށް ހޭދަވާނެކަމަށް އަންދާޒާކުރާ އަދަދު ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައި ވަނީ މަޑިވަރު އެއާޕޯޓު، 15 މިލިއަން ޑޮލަރު ދާލު އެއާޕޯޓު، 50 މިލިއަން ޑޮލަރު އަދި މާފަރު އިންޓަރނޭޝަނަލް، 30 މިލިއަން ޑޮލަރު އެވެ.

މި ތިން އެއާޕޯޓަށް ވެސް ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނީ، އިއުލާނުގައިވާ ގޮތުން، 5 މިލިއަން ޑޮލަރެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމެންޓުގެ އަދަދާ އަޅާބަލައި، ޓޫރިޒަމަށް ކުއްޔަށް ދޫކުރާ ރަށް، ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދު ކަނޑައިދޭނެ އެވެ. މި މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، ޕްލޭނިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށެވެ.