އަހުމަދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރ އިބްރާހިމް ޝާކިރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ޝާކިރު ނިޔާވިއިރު، އުމުރަކީ 46 އަހަރެވެ. އަދި އަންބަކާއި، 4 ދަރިން ދުނިޔޭގައި އެބަތިއްބެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ބޮލުގައި ރިއްސާ އުދަނގޫތަކެއް ވާކަމަށް ބުނެފައިވާ ކަމަށާއި އަދި ހާލު އިތުރަށް ގޯސްވެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޝާކިރު ވަނީ ނިޔާވެފައެވެ.
ޝާކިރަކީ އެ ސްކޫލަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެނާ ވަނީ އެ ސްކޫލުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައްޔާއި ސްކޫލުގެ އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ޝާކިރަކީ ބެލެނެވެރިންނާއި، ދަރިވަރުންނާއި ގުޅޭ އެންމެންގެ ގާތް އެކުވެރިއެވެ.
ޝާކިރު ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށާއި، ޝާކިރުގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. ޝާކިރުގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ޝާކިރުގެ ވަކިވުމާ ގުޅިގެން އެ އާއިލާއަށާއި ސްކޫލަށް ހަލިނިއުސްގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ. އޭނާއަށް ﷲގެ ތަނަވަސް ރަޙްމަތަށް އެދެމެވެ.
إنا لله وإنا إليه راجعون اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَاراً خَيْراً مِنْ دَارِهِ، وَأَهْلاً خَيْراً مِنْ أَهْلِهِ، وَزَوْجَاً خَيْراً مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ القَبْرِ وَعَذَابِ النَّارِ آمِيْن يا رب العالمين آمين يارب العالمين