މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިއްޔެ އިއުލާންކުރި އިބްރާހީމް ސަމީން، (34އ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ބަންދަށް މަސްދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ރ. މަޑުއްވަރީ ދެތަނޑިމާގެ، ސަމީން ފުލުހުން ހޯދީ، މެއި 2 ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.

އަދި ސަމީންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވާއިރު މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.