ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސީ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އުވާލުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ، "ޕީޓީއައި މަނާކުރުމަށް ވިސްނަމުންދާ" ކަމަށެވެ.

"ޕީޓީއައި އިން ވަނީ ދައުލަތުގެ އަސާސަށް ހަމަލާދީފައި، އެއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ކަމެއް. އެއީ ތަހައްމަލު ނުކުރެވޭނެ ކަމެއް" އޭނާ ވިދާޅުވިއެވެ.

މެއި މަހުގެ ނުވަ ވަނަ ދުވަހު ކުރީގެ ބޮޑު ވަޒީރު ހައްޔަރު ކުރުމުން ގައުމުގައި މުޒާހަރާތައް ފެށި ހަމަލަތައްދީ ގައުމުގެ ތަންތާނގައި ހުޅުޖަހަން ފެށިއެވެ. އޭގެ ތެރޭގައި އިމްރާން ޚާންގެ ސަޕޯޓަރުން ވަނީ ރާވަލްޕިންޑީގައި ހުންނަ ސިފައިންގެ މައި މަރުކަޒަށް ވެސް ހަމަލާދީފައިވެ އެވެ.

އެކަމާ ގުޅިގެން އިމްރާން ޚާންގެ ޕާޓީގެ އިސްލީޑަރުންތައް ވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕާޓީން ވަކިވެފައެވެ. އަދި އެފަރާތްތަކުން ވަނީ ހުޅު ޖެހުމުގެ އަމަލުތަކާ އެމީހުންނާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

ޓެރަރިޒަމް ގާނޫނުގެ ދަށުން 30އަށް ވުރެން ގިނަ މީހުން ހައްޔަރުކޮށް ޖަލަށް ފޮނުވާފައި ވެއެވެ. އަދި 700 އެއްހައި ޕީޓީއައިގެ ލީޑަރުންނަށް ގައުމުން ބޭރަށް ދިއުންވެސް ވަނީ މަނާ ކޮށްފައެވެ.

އިމްރާން ޚާން ވަނީ ދެ އޯޑިއޯއެއްގައި އޭނާ ހައްޔަރުކުރުމުން މީހުން މަގުމައްޗަށް ނިކުތުމަށް ހިތްވަރު ދީފައެވެ.