ޒަޔަނިސްޓުން ސީއެންއެންގެ ސީނިއާ އެންކަރ ކްރިސްޓިއާނާ އަމާންޕޫރުއާ ޖައްސާލައިފިއެވެ. އަމާންޕޫރު ވަނީ ފަލަސްތީނުގެ ބޮޑު ވަޒީރު އިސްމާއީލް ޝަތިއްޔާއާއެކު އޮތް އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން، ހުޅަނގު އައްސޭރީގައި ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅުނު އިނގިރޭސިވިލާތުގެ ޔަހޫދީ ޒަޔަނިސްޓް އާއިލާއެއްގެ ތިން އަންހެނުން މަރާލުމުގެ ހާދިސާއަށް ބަޑި ޖެހުމުގެ ހާދިސާއެއް ކަމަށް ބުނެފައެވެ.
އެ އިންޓަރވިއުގެ އެތައް ހަފްތާއެއް ފަހުން އިޒްރޭލުގެ ތާއީދުގައި މީޑިއާގައި އަތްފުނާ އަޅާ އެންޖީއޯ އަކުން ވަނީ އަމާންޕޫރުގެ އިންޓަރވިއުގައި އެއީ ޓެރަރިސްޓް އަމަލެއް ނޫން ކަމަށް ބަލާފައިވާ ކަމަށް ބުނެ އެވާހަކަ މީސްމީޑިއާގައި ފަތުރާފައެވެ.
އެއަށްފަހު ޔަހޫދީއަކާ ކައިވެނިކޮށްގެން އުޅޭ އަމާންޕޫރަށް ޒަޔަނިސްޓުން ވަނީ ފިއްތުންތައް ފިއްތާފައެވެ. ފަހުން އޮން އެއާގައި އަމާންޕޫރު ވަނީ އެކަމަށް މައާފަށްއެދިފައެވެ. ނަމަވެސް މަރުވި އަންހެނުންގެ ބައްޕަ ބުނެފައި ވަނީ އޭނާގެ ހިތްފަޅައިގެން ގޮސްފައިވާތީ އީރާންގެ ދަރިކޮޅުގެ މީހެއްކަމަށްވާ އަމާންޕޫރުގެ މައާފަށް އެދުން ގަބޫލެއް ނުކުރާނެ ކަމަށް ބުނެފައެވެ.
މީގެ ހަފްތާއެއް ކުރިން ގާޑިއަންގައި ޒަޔަނިސްޓް ޔަހޫދީންގެ ނުލަފާކަން ދައްކައި ކާޓޫނެއް ކުރެހި މީހާއަށްވެސް ފިއްތުން ބޮޑުކޮށް މައާފަށް އެދުމަށް ޒަޔަނިސްޓުން މަޖުބޫރު ކުރިއެވެ.