ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުން ބަންޑުން ޖަހާލައިގެން ރާއްޖެއިން ރެސްކިއު މިޝަންގައި އެހީވި ޗައިނާގެ މަސް ބޯޓުގެ 14 ފަޅުވެރިއެއްގެ ގަބުރު ހޯދައިފިއެވެ. އެ ބޯޓު ބަންޑުން ޖަހާލާފައި ވަނީ ގަމާއި 834 ނޯޓިކަލް މޭލު ބޭރުންނެވެ.
ސްރީލަންކާގެ ސަރަހައްދުން ހޯދާފައިވާ 14 ގަބުރަކީ ބަންޑުން ޖަހާލި ޗައިނާ "ލޫޕެންގ ޔުއާއު 028″ މަސްބޯޓުން ދަތުރުކުރި 39 ފަޅުވެރިންގެ ތެރޭން ބައެކެވެ.
ޗައިނާ ސަރުކާރުން ވނީ މެއި މަހުގެ 16 ވަނަ ދުވަހު ބަންޑުން ޖަހާލި ބޯޓުން ގެއްލުނު އެއްވެސް މީހަކު ދިރި ހުއްޓާ ނުފެންނާނެ ކަމަށް ނިންމާފައެވެ.
ޗައިނާ މަސްބޯޓު ބަންޑުން ޖަހާލީ ދެކުނު އެފްރިކާއިން ފުރައިގެން ދެކުނު ކޮރެއާއާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް ފޯޅަވަހި ސަރަހަދުން ނައްޓައި ރާއްޖޭ ސަރަހައްދުން ބޭރުގައި އުޅެނިކޮށް ތޫފާނެއްގައި ޖެހިގެންނެވެ.
ސްރީލަންކާ ސިފައިން ބުނާ ގޮތުގައި ފެނިފައިވާ ގަބުރުތައް ވަނީ ކާކުކަން ނޭނގޭ ވަރަށް ޗިސްވެފައެވެ. އަދި އޮއި ހުރި ގޮތުން އިތުރު ގަބުރުތައް ފެނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ބުނެފައި ވެއެވެ.
ޕެސިފިކް ކަނޑުގައި ބޯވަ ދިލަމަސް ނެގުމުގެ މަސައްކަތުގައި އުޅޭ ޗައިނާ މަސްބޯޓުގައި ޗައިނާ މީހުންނާއި ފިލިޕީންސް މީހުންނާއި އިންޑޮނޭޝިއާ މަސްވެރިން ދަތުރުކުރިއެވެ.
ތޫފާނުގައި ޖެހިގެން ބޯޓު އެހީއަށް އެދުމުން އެންމެ ފުރަތަމަ އެހީވުމަށް ހިސާބުގެ ރެސްކިއު ސެންޓަރތަކަށް އެނގީ ވެލާނާ އެއާޕޯޓްގައި ހުންނަ މޯލްޑިވްސް އެރޮނޮޓިކަލް ރެސްކިއު ކޯޑިނޭޝަން ސެންޓަރ އިންނެވެ. އެމްއޭސީލއެލްއިން މައުލޫމާތު ދިން ގޮތުގައި ބޯޓުން ފޮނުވާލި ޑިސްޓްރެސް ސިގްނަލް ލިބުމާއެކު ސަރަހައްދުގެ ރެސްކިއުސެންޓާ ތަކަށް އަންގައިގެން ވަގުތުން ތައްޔާރީ ހާލަތަށް ގެނެވުނެވެ.
އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ އިރުޝާދަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ގަން އެއަޕޯޓްގައި ރެސްކިއުއާއި އެހީދިނުމަށް ބޭނުންވާ ހުރިހައި ފަސޭހައެއް ގާއިމް ކޮށްދެވުނުކަމަށް އެމްއޭސީއެލްގެ އިސްފަރާތަކުން ވިދާޅުވިއެވެ.
ރާއްޖެ ހިމެނޭ ސަރަހައްދު ހިމެނެނީ އޮސްޓްރޭލިއާގެ ރެސްކިއު ޒޯންގައި ކަމުން އޮސްޓްރޭލިއާގެ ޕާތުއާ 5 ހާސް ކިލޯމީޓަރު ދުރުގައި ހިނގާފައިވާ މިހާދިސާގައި އިސްވެ ރެސްކިއު މިޝަން ހިންގީ އޮސްޓްރޭލިއާ އިންނެވެ.
އެއަރޕޯޓްގެ އިސްފަރާތަކުން ހަލި ނިއުސްއަށް މައުލޫމާތު ދެއްވިގޮތުގައި ވެލާނާއާއި ގަމުގެ އެއާޕޯޓު 24 ގަޑިއިރުގެ ތައްޔާރީ ހާލަތަށް ގެނަސް އޮސްޓްރޭލިއާގެ ބޯޓުތައް ޖެއްސުމާއި ތެޔޮއެޅުމުގެ އިންތިޒާމު ހަމަޖައްސައި ދެވުނެވެ. އަދި ގިނަ އަދަދަކަށް ގަން އެއާޕޯޓުން ތެޔޮ ބޭނުން ކުރުމުން އެ އެއާޕޯޓުން ތެޔޮ ހުސްވެގެން ފަހުން ތެޔޮ އެޅަމުން ދިޔައީ ވެލާނާއިންނެވެ.
ބައިނަލްއަގްވާމީ ސާޗް އެންޑް ރެސްކިއު މަސައްކަތުގައި އެހީތެރިވުމަށް އޮސްޓްރޭލިއާ އިން ވަނީ ޕީ8ގެ ތިން ބޯޓަކާއި ފަލްކަން މަރުކާގެ އެއް މަތިންދާބޯޓު ބޭނުން ކޮށްފައެވެ. އަދި އިންޑިއާއިން ވެސް ޕީ8ގެ މަތިން ދާބޯޓެއް ބޭނުން ކުރިއެވެ. ބަންޑުން ޖަހާލި ބޯޓު ކައިރިއަށް ލައިފްރާފްޓެއް ވައްޓާ ދީފައި ވަނީ އިންޑިއާގެ ޕީ8 އިންނެވެ.
މިހާދިސާގައި ރާއްޖެއިން ވެދީފައިވާ އެހީއަށް ޗައިނާއިން އަދިވެސް ޝުކުރު އަދާ ކޮށްފައެއް ނުވެއެވެ.