އެސްޓީއޯ އިން "ދޮވުނީހިކުނީ"ގެ ނަމުގައި ހިޓާޗީ ދޮންނަމެޝިނުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއީ ހިޓާޗީން ފެބްރުއަރީގައި ނެރުނު ދޮންނަ މެޝިންތައް ރާއްޖޭގެ ބާޒާރަށް ނެރެ އެސްޓީއޯއިން ފެށި ޕްރޮމޯޝަނެކެވެ.

ހިޓާޗީން ފެބްރުއަރީމަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން މިހާރު ލިބެން ހުންނާނެއެވެ. މި ދޮންނަމެޝިނު ބާޒާރަށް ނެރެ އެސްޓީއޯ އިން ވަނީ "ދޮވުނީ ހިކުނީ" ގެ ނަމުގައި، 22 މޭ އިން ފެށިގެން 22 ޖޫން ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން މެޝިނާ އެކު ހިލޭ މައިކްރޯވޭވް އަވަންއެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަންގަވާ ބޭފުޅުންނަށްވެސް އަވަން ލިބިލައްވާނެއެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކައެވެ. ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެކެވެ.

އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށްލެވޭވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގޮތުންވެސް ހެޔޮ މެޝިންތަކެކެވެ.

އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ "ހަކަތަރި" ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ.