އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ 1-1 އިން ބްރައިޓަނުން ރޭ އެއްވަރު ކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ސިޓީއިންނެވެ. މިލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. ބްރައިޓަނުން އެއްވަރު ކުރީ ފުރަތަމަ ހާފް ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ޕެރަގުއޭގެ ޒުވާން ފޯވާޑް ޖޫލިއޯ އެންސިސޯއެވެ.

ސިޓީގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު އަކަންޖީ ނޫން ހުރިހާ ކުޅުންތެރިން ކޯޗް ޕެޕް ގާޑިއޯލާ މިމެޗުގެ ފުރަތަމަ އެގާރައަށް ނެރުނެވެ. ސިޓީއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުނަމަވެސް މެޗުގައި ބޮޑަށް ނުރައްކާތެރިކޮށް ފެނުނީވެސް ބްރައިޓަންއެވެ. ބްރައިޓަނުން 20 ހަމަލާ ސިޓީގެ ގޯލަށް ފޮނުވާލިއިރު ސިޓީއަށް ފޮނުވާލެވުނީ 13 ހަމަލާއެވެ. މިމެޗުގައި ބްރައިޓަނުން އުފެއްދި 20 ހަމަލާއަކީ ގާޑިއޯލާ އިރުޝާދުދިން ޓީމެއް ކޮޅަށް ޓީމަކުން ތިންވަނައަށް އެންމެ ގިނަ ހަމަލާ އުފެއްދި މެޗެވެ.

ސިޓީ ލީގުގެ ކުރީގައި އޮތީ 89 ޕޮއިންޓާއެކުއެވެ. އަންނަ ސީޒަނުގެ ޔުރޮޕާ ލީގަށް ކޮލިފައިވާ ބްރައިޓަން ލީގުގެ 6 ވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ. ލީގް ފަހު މެޗުތައް އަންނަ އާދިއްތަ ދުވަހު ކުޅެން ޖެހޭއިރު ސިޓީ ނިކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ. ބްރައިޓަނުން ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.