ވ. ރަކީދޫ، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލުމުގެ ކުށް ސާބިތުވެ އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކު 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

އާފިޔާގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ އުފުލީ އިބްތިހާލަށް އެކި ދުވަސްމަތިން އަނިޔާ ކުރި މައްސަލާގައެވެ.

އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

އިބްތިހާލް މަރާލި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމްގެ އިތުރުން އިންސާނަކު މެރިކަމުގެ ކުށުގެ ކައްފާރާއެއްގެ ގޮތުން، ހަނދުމަހުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އާފިޔާއަށް އެ ހުކުމްގައި ވަނީ އަންގައިފައެވެ.

އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.

ތަހުގީގު މަރުހާލާގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް ދައުވާ އަށް އިއުތިރާފުވުމަށްފަހު ފަހުން ވަނީ އިއުތިރާފުން ރުޖޫއަވެފައެވެ.