ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ސާމާނުތައް އައިކެއަރއިން ހަދިޔާކޮށްފިއެވެ. އައިކެއަރއަށް 20 އަހަރު ފުރުމުގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ މިއީ ކުންފުނީގެ އިޖްތިމާއި ޒިންމާގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

ތަކެތި ކުޑަކުދިންގެ ހިޔާއަށް ހަވާލުކުރީ އިއްޔެ ފިޔަވާތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މިތަކެތި ހަވާލުކޮށްދެއްވީ އައިކެއަރގެ އެޑްމިނިސްޓްރޭޓަރު އައިމިނަތު އީނާސްއެވެ. އެ ރަސްމިއްޔާތުގައި ފިޔަވާތީގެ ފަރާތުން ޒީނާ ވަނީ ފިޔަވާތީގައި އުޅޭ ކުދިންނަށް އެ ފަރުނީޗަރުތަކުގެ ބޭނުންތެރިކަން ކިޔާދީ އެކަމުގެ ބޮޑުކަން ކިޔާދީފައެވެ. އަދި އެތަކެތި ހަދިޔާ ކުރެއްވީތީ އައިކެއަރ އަށް ޝުކުރު އަދާކޮށްފައިއެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން އައިކެއާރގެ މިފަދަ އެހީތައް ކުރިމަގުގައިވެސް ލިބޭނެކަމަށް" ޒީނާ ވިދާޅުވިއެވެ.

މީގެއިތުރުން އައިކެއާގެ ފަރާތުން ވާހަކަދެއްކި ފަރާތް ވިދާޅުވީ ކޮންމެ އަހަރަކުވެސް އެތަނުން މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން އެތަކެއް ހަރަކާތްތަކެއް ހިންގާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގައި އެމީހުން ވަނީ "މަމްސް" ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން،ބޭނުންވާ ބައެއް ސާމާނުތައް ހަދިޔާކޮށްފައެވެފިޔަވާތިއަކީ އެކި ސަބަބުތަކާ ހެދި ނުބެލިގެން ނުވަތަ އެހެންވެސް ސަބަބަކާހެދި ނުގެންގުޅެވިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބަލަމުންދާ ތަނެކެވެ.

މިހާރުވެސް ހުޅުމާލެގައި ހުންނަ ފިޔަވަތީގައި 80 އަށްވުރެ ގިނަ ކުދިން ބަލަމުންދާއިރު، ފަސްއަހަރުން ދަށުގެ 40 އަކަށް ކުދިން ބަލަމުންދެއެވެ. އަދި ފިޔަވަތީގައި ބަލަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ.