ރ. އިންނަމާދޫގައި ގާއިމުކުރި ފެނުގެ ނިޒާމިގެ މަސައްކަތް ނިންމައި ފެން ތަހުލީލުކޮށްފިކަމަށް އެމް.ޑަބްލިޔު.ޔެސް.ސީން ބުނެފިއެވެ.

އެމް.ޑަބްލިޔު.ޔެސް.ސީން ބުނީ މި މަޝްރޫއުގެ ދަށުން އެތަނުގައި އާރު.އޯ ޕްލާންޓް ފެސިލިޓީ އިމާރާތް އަޅައި ފެން އުފެއްދުމަށް ދެ އާރު.އޯ ބަހައްޓާފައިވާކަމަށެވެ. އަދި ވާރެފެން ރައްކާކުރެވޭނެހެން 1010 ކިއުބިކް މީޓަރުގެ ތާނގިއަކާ، ފެން ރައްކާ ކުރެވޭނެހެން 290 ކިއުބިކް މީޓަރުގެ 2 ތާންގި އެތަނުގައި ހުންނާނެ ކަމަށް ބުންޏެވެ.

އެމް.ޑަބްލިޔު.އެސް.ސީން ހިންގާ މަޝްރޫއުގެ ދަށުން 8.33 ކިލޯ މީޓަރގެ ދިގު ފެން ހޮޅިގެ މައި ނެޓްވޯކް ގާއިމުކުރެވިފައިވާއިރު، 215 ފެން ގުޅައިދީ ނިމިފައިވާކަމަށެވެ. އަދި ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އާއި ފެން ތަހުލީލު ކުރުމަށް ސާމާނުތައް ވެސް ގާއިމު ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ބުނީ މި މަސައްކަތް ނިމުމުން ރައްޔިތުންނަށް ސާފު ބޯފެން ލިބެން ހުންނާނެކަމަށެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރުގެ ފަރާތުން ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އަދި މިއީ50.7 މިލިއަން ރުފިޔާއަށް ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.