އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް އުޅެފައިވާ މީހަކަށް ދައުވާ ކޮށްފިއެވެ.

އެ މައްސަލާގައި ދައުވާ ކުރީ ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމް ގެ މައްޗަށެވެ.

އާޒިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ދެ ދައުވާއާއި މަނީލޯންޑަރިންގެގެ ދެ ދައުވާ އެކެވެ.

އާޒިމްގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކޮށްފައިވަނީ އޭނާ އިސްކޮށް ހުރެ އޭސީސީން ތަހުގީގުކުރަމުން ދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި، ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުމަށްޓަކަރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރު އާޒިމްގެ ބޭންކް އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ދައުލަތުން ކުރި ދާއުވާއެއްގައި ވެއެވެ.

އަބްދުﷲ އާޒިމް ލިބިގަތް 50،000 އެމެރިކާ ޑޮލަރު އޭނާގެ ކޮއްކޮގެ އެކައުންޓަށް ޖަމާކޮށް، އެ މުއާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށްޓަކައި އަބްދުﷲ އާޒިމް އޭނާގެ ކޮއްކޮގެ އެކައުންޓަށް 771،000 ރުފިޔާ ޖަމާކުރުމަށްފަހު، އެ ޑޮލަރަށްވާ ދިވެހި ފައިސާ ޖަމާކުރުމަށްފަހު، އެ ޑޮލަރަށްވާ ދިވެހި ފައިސާގެ ގޮތުގައި ކޮއްކޮގެ އެކައުންޓުން ޗެކެއް މ. ލޭންޑް އޮފް ގާޑަން އަހްމަދު އިސްފާހު އަލީއަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުލަތުން އުފުލި ދައުވާއެއްގައި ވެއެވެ.