އެމްއާރްއެމްގެ އެންމެހައި މެންބަރުންނަށާއި ކޮމިޓީތަކާއި ގުނަވަންތަކާއި ގޮފިތަކަށްވެސް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެއެވެ. މިގޮތަށް އެ ޕާޓީން އެދުނީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމްއަށް ސިޓީއަކުން އަންގާފައިވާތީއެވެ.

ކުރީގެ ރައީސް މައުމޫނު އުފެއްދި އެމްއާރްއެމް، ސިޔާސީ ޕާޓީ އުވާލަން އީސީއިން އިއްޔެ ވަނީ ނިންމާފައެވެ. އީސީން މިނިންމުން ނިންމާފައިވަނީ ޕާޓީގެ މެންބަރުންގެ އަދަދު ހަމަނުވުމުން ކަމަށެވެ.

ޕާޓީ އުވާލުމަށް ނިންމި މި ނިންމުމާމެދު އެމްއާރްއެމްއިން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމަކީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. އެކަން ސާބިތު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ވާހަކަ އެޕާޓީގެ މެންބަރުންގެ މައުލޫމާތަށްޓަކައި ވަނީ އަންގާފައެެވެ.

މި ފުރުސަތުގައި އެމްއާރްއެމްއިން އެޕާޓީގެ މެންބަރުންނަށް ތާއީދު ކުރާ ހުރިހާ ފަރާތްތައް ދެމުން ގެންދާ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ. އަދި އިސްލާހީ މަސައްކަތުގައި ދެމި ތިބުމަށް ވަނީ އަންގާފައެވެ.