ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތު އަޅުވާ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނޭ ކަމުގެ އިންޒާރު ސަރުކާރުން މިއަދު ދެއްވައިިފިއެވެ.

ސަރުކާރުން މި އިންޒާރު ދެއްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދެވެ.

ރައްޔިތުންގެ މަޖިލީސް ރައީސް މުޙައްމަދު ނަޝީދަށް، ދެހާސް އެކާވީސް ވަނަ އަހަރު މޭ މަހު ހަވަނަ ދުވަހު، ދިން ހަމަލާގައި ސަރުކާރުގެ އިހުމާލު އޮތްކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުން ތުހުމަތު ކުރަމުންދާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން މުހައްމަދު ވަނީ ސަރުކާރަށާއި ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ކުރާ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެވާހަކަ ދައްކާ މަޖިލިސް މެމްބަރުން އެވާހަކަ އެ ދައްކަނީ މަޖިލީހުގެ ތަޅުމުގައި މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.

މެއި ހައެއްގެ ހާދިސާ ރައީސް ސާލިހާ ގުޅުވައި ވާހަކަ ދައްކަނީ، އެފަރާތްތަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަލުން އަނބުރާ ހޯދުމުގެ ގޮތުން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. މެމްބަރުންނަށް އިމްތިޔާޒު ލިބިވަޑައިނުގަންނަވާ ތަނަކުން ބޭރުގައި އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ބައިބައިވުން އުފެދޭނެ ދޮގު ވާހަކަތަކެއް ދައްކަވައިފި ކަމަށް ވާނަމަ، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަތައް ބަލާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. .

ރައީސް ނަޝީދަށް ތާއީދު ކުރައްވާ، މެމްބަރުން ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މެއި ހައެއްގެ ހަމަލާއަކީ ސީދާ ރައީސް ސާލިހަށް އެނގިވަޑައިގެން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައެވެ. ބޮން ގޮއްވާލީ ސަރުކާރުން ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ ރައީސް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ނަޝީދުވެސް ވަނީ އެމަނިކުފާނު އަވަހާރަ ކޮށްލަން ބޮން ގޮއްވަން އުޅުނުކަން ކުރިންވެސް ސަރުކާރަށް އެނގިވަޑައިގަންނަވާކަން ދޭހަވާ މޭރުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދައްކަވާފައެވެ.