ދުނިޔޭގައި ބިނާ ކުރާ އެންމެ އެންމެ ފުރަތަމަ 3ޑީ މިސްކިތް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް ދުބާއީގައި ބިނާ ކުރަން އެގައުމުން ނިންމައިފިއެވެ.

ދުބާއީ ސަރުކާރުގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓް (އައިއޭސީއޭޑީ)ގެ އިންޖިނިއަރިންގެ ވެރިޔާ އަލީ މުހައްމަދު އަލްހަލްޔާން އަލްސުވައިދީ ވިދާޅުވި ގޮތުގައި 2 ފަންގިފިލާ ހިމެނޭ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި 600 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.

"އަޅުގަނޑުމެން މިސްކިތް 3ޑީ ޕްރިންޓް ކުރަން ހޮވީ ސަގާފީ އިމާރާތް ކުރުމުގެ އުސޫލުތަކާ އަޅާބަލާއިރު ވަގުތާއި ވަސީލަތްތައް ސަލާމަތް ކުރެވޭނެ އާ އަދި އާ ޓެކްނޮލޮޖީއަކަށް ވާތީ،" އަލްހާލިއަން އަލްސުވައިދީ ވިދާޅުވި އެވެ.

3ޑީ ޕްރިންޓިން ބޭނުންކޮށްގެން އިމާރާތްތައް އެޅުމަށް ބޭނުންވަނީ ޑިޒައިންގެ މައުލޫމާތު ޕްރޮގްރާމްކޮށްފައިވާ ބޮޑެތި ޕްރިންޓިން މެޝިންތަކެކެވެ. މިސްކިތް ބިނާ ކުރުމަށް ނިންމާފައި ވަނީ ނޮޒެލްއަކުން ކޮންސްޓްރަކްޝަން މެޓީރިއަލް ފިއްތާލައި، ސްޓްރަކްޗަރ ފަށަލަތަކެއްގެ ގޮތުގައި ބިނާކުރެއެވެ. 3ޑީ ޕްރިންޓް ކުރެވިފައިވާ ސްޓްރަކްޗަރތަކުގެ ބޮޑު ބަޔަކީ ކޮންކްރީޓުން ހަދާފައިވާ ތަންތަން ނަމަވެސް ކްލޭ ފަދަ އެހެން ތަކެތި ބޭނުންކޮށްގެން ޕްރިންޓް ކުރެވޭނެއެވެ.

މި މިސްކިތް އެއްކޮށް ބޭނުން ކުރަން ފެށޭވަރުވާނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.