ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުމަކީ ސްޓެލްކޯގެ މުހިންމު އަމާޒެއްކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފް މިފަދައިން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާ ގުޅިގެން ސްޓެލްކޯއިން ހިންގި ދެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސެޓްފިކެޓް ދިނުމަށް އިއްޔެ ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރާ މަސައްކަތުގައި ކުންފުނީގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި ތަޖުރިބާ ހޯދައި ދިނުމަކީ އެކުންފުނީގެ މުހިންމު އަމާޒެއްކަމަށެވެ. އަދިވެސް އިތުރަށް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅީ ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް އަދި ޓާގެޓެއް ކަމުގައެވެ.

ކުންފުނީގެ މުވައްޒަފުންނަށް ތަމްރީނުދީ، ކުންފުނީގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމަށް ހިންގާ މިޕްރޮގްރާމަކީ ރައީސްގެ މިއަމާޒަށް، މިޓާގެޓުގައި ސްޓެލްކޯގެ ދައުރު އަދާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިއްމު އަމާޒެއް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް،އަދި ޓާގެޓެއް ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުން. އެކަމުގައި އަޅުގަނޑުމެން ސްޓެލްކޯގެ ދައުރު އަދާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް މި މަސައްކަތަކީ، އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. މި ފުރުސަތުގައި، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނަށް ޝުކުރު ދަންނަވަން” ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ އަސާސަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އެއީ ފެނާއި ނަރުދަމާ ކަމަށްވިޔަސް ނުވަތަ ކަރަންޓުގެ ހިދުމަތް ކަމަށްވިޔަސް އެހިދުމަތެއް ރައްޔިތުންނަށް ހިދުމަތް ފޯރުކުރުމުގައި އެއްވެސް ވަރެއްގެ އިހުމާލެއް ފަރުވާކުޑަކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ.

"މިކުންފުނީގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމުރައްޔިތުންނަށް ހިދުމަތް ދިނުން. އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ،" ޝަރީފް ވިދާޅުވިއެވެ

ޝަރީފް ވިދާޅުވީ ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ ކަމަށެވެ. އަދި ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގެ ދާއިރާގެ އެންމެ މުހިއްމު ކުންފުނި ކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސްޓެލްކޯ އާ ހަމައަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ. މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ ކަމަށެވެ. އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އާ ދެ ހިދުމަތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާއަކީ ސްޓެލްކޯއަށް އާ ދެޔުޓިލިޓީކަމުން އެހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ގާބިލު ސްޓާފުންނަށް ހިންގި ދެ ކޯހަކީ މި ދެ ޔުޓިލިޓީއާ ބެހޭ ގޮތުން ކުރިއަށް ގެންދެވުނު ދެ ކޯހެކެވެ. އެގޮތުން، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާ ގުޅިގެން ސްޓެލްކޯއިން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.