ސޫރިޔާގެ ރެފިއުޖީންގެ ބަޔަކު ތިބުމަށް ލުބުނާނުގައި ގާއިމްކޮށްފައިވާ ވަގުތީ ކޭމްޕެއް އަނދައި އަޅިއަށް ވެއްޖެއެވެ.
އެ ކޭމްޕަކީ 300 އަށްވުރެ ގިނަ ރެފިއުޖީން ވަގުތީގޮތުން ބައިތިއްބުމަށް ޓެންޓް ޖަހައިގެން ހަދާފައިވާ ކޭމްޕެކެވެ.
ރެފިއުޖީ ކޭމްޕްގައި ރޯވި އަލިފާގަންޑު 4 ގަޑިއިރުވަންދެން އަނދަމުންދިޔަ ކަމަށް މީޑިއާއިން ބުނެއެވެ.
ލުބުނާނުގެ ސިވިލް ޑިފެންސް ފޯސްގެ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމަށް ވަރުގަދަ މަސައްކަތްތަކެއްވެސް ކުރިއެވެ.
ލުބުނާނުގެ މީޑިއާއިން ބުނެފައިވަނީ، ރެފިއުޖީ ކޭމްޕްގައި އަލިފާނުގެ ހާދިސާ ހިނގީ، އެ ކޭމްޕްގައި ދިރިއުޅޭ ސޫރިޔާ ރެފިއުޖީންގެ ބަޔަކާއި، ލުބުނާނުގެ އާއިލާއަކާ ދެމެދު، ލުބުނާނުގެ އަލްމިނިޔާ ޑިސްޓްރިކްޓްގައި ހިނގި ވަރުގަދަ ކުރިމަތިލުމަކަށް ފަހުގައި ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ލުބުނާނުގެ 2 ފިރިހެނުންނާއި، ސޫރިޔާ ރެފިއުޖީންގެ 6 މީހަކު ތަހްގީގަށް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ލުބުނާނުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އަދި އެމީހުންގެ އަތުން ސިފައިންވަނީ ހަތިޔާރުވެސް އަތުލައިގެންފައެވެ.
އަސްކަރިއްޔާއިން ބުނެފައިވަނީ، ރެފިއުޖޭ ކޭމްޕްގެ ޓެންޓްތަކުގައި ހުޅުޖެހީ ލުބުނާނު 2 ފިރިހެނުން ކަމަށެވެ.
ލުބުނާނުގެ އުތުރުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އދގެ އޭޖެންސީގެ ތަރުޖަމާނު ޚާލިދު ކައްބަރާ ވިދާޅުވީ، އަލިފާން ރޯވި ކޭމްޕަކީ 375 ރެފިއުޖީން ދިރިއުޅޭ ވަގުތީ ކޭމްޕެއް ކަމަށެވެ. އަދި އެ ބިމަކީ ކުއްޔަށް ހިފާފައިވާ ބިމެއް ކަމަށްވެސް ކައްބަރާ ވިދާޅުވިއެވެ.
އަލިފާން ރޯވުމުގެ ސަބަބުން ރެފިއުޖީ ކޭމްޕްގެ އެއްވެސް ޓެންޓެއް ސަލާމަތްނުވެ އަނދާ އަޅިއަށް ވެފައިވާ ކަމަށްވެސް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.
އަލިފާނުގެ ސަބަބުން ކުދިކުދި އަނިޔާތައް ލިބިގެން 4 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި، އެހެން ރެފިއުޖީން ކައިރީގައި ހުރި އެހެން ވަގުތީ ކޭމްޕްތަކުން ހިމާޔަތް ހޯދާފައިވާ ކަމަށްވެސް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.
އަދި އެހިސާބުގައި ހުންނަ ލުބުނާނުގެ އަވަށްތަކުގެ ރައްޔިތުންވެސް ވަނީ ބައެއް ރެފިއުޖީންނަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށދް ގެދޮރާއި ގައުމު ދޫކޮށް ގޮސްފައިވާ މިލިއަނަކަށްވުރެ ސޫރިޔާގެ ރައްޔިތުން ލުބުނާނުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ގެންދެއެވެ. ރެފިއުޖީންނާއި، ލުބުނާނު ރައްޔިތުންނާ ދެމެދު މައްސަލަތައް ޖެހުމަކީ އާންމު ކަމެއް ކަމަށްވެއެވެ.