ލ.އަތޮޅު ޒުވާނުން މެދުގައި އިޖްތިމާއީ ގުޅުމާއި ކުޅިވަރުގެ ރޫހް އާލާކޮށް ދިރުވާ، ލ.އަތޮޅުގައި ވޮލީ ބޯޅަ ކުރިއެރުވުމުގެ މަގްސަދުގައި ލާމަސީލު ލާމު އަތޮޅު ވޮލީމުބާރާތުގެ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަނުގައި ބައިވެރި ވުމުގެ ފުރުސަތު، ލ.އަތޮޅު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ލ. އަތޮޅުގެ ކުލަބު/ޖަމްޢިއްޔާތަކަށް އެކަންޏެވެ. އެހެންނަމަވެސް އެ ރަށެއްގައި ހަރަކާތްތެރި ކުލަބު/ޖަމްޢިއްޔާއެއް ނެތް ނަމަ، އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަމުގައި މި މުބާރާތުގައި ޓީމެއް ބައިވެރި ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ގަވައިދުގައިވަނީ ކޮންމެ ޑިވިޜަނަކުންވެސް މުބާރާތް ބޭއްވޭނީ މަދުވެގެން 3 ޓީމު ބައިވެރިވެއްޖެނަމައެވެ. އަދި ކޮންމެ ޑިވިޜަނެއްގައި 5 ޓީމަށްވުރެ ގިނައިން ބައިވެރިވެއްޖެނަމަ ޑިވިޜަން ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖަށް ބަހާލައިގެންނެވެ. މިމުބާރާތުގައި ބިދޭސީ އެއްވެސް ކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އޮފިޝަލުން ގޮތުގައި ބިދޭސީއިންނަށް ހަރަކާތްތެރިވެވިދާނެއެވެ.

މުބާރާތުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

ލ.އަތޮޅު ކައުންސިލުން ވަނީ މިއަހަރު ފުރަތަމަ ފަހަރަށް ލާމަސީލު ލާމު ސްކޫލް ކުދިންގެ ފުރަތަމަ ވާހަކަ ދެއްކުމުގެ މުބާރާތާއި ލާމަސީލު ލާމު އިންޓަރ ސްކޫލް ހޭންޑް ބޯލް މުބާރާތެއްވެސް ބާއްވައިފައެވެ.