އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައިފިއެވެ.
ނިހާންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތުގެ ފަސް ދައުވާ އެކެވެ.
ޕީޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބާރުގެ ދަށުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އެ ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އަދި ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް އެ އޮފީހުން ބުންޏެވެ.
މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިފައިވާއިރު، އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެކަމަށްޓަކައި ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ނިހާން އާއި އަދީބު މީގެ އިތުރުން، 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެމެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ގަޑިއެއް ދިނުމަށް އަދީބު ގާތު އެދި އޭތި ބަލައިގެންފައިވާތީ، ރިޝަވަތަށް އެދުމާއި ރިޝްވަތު ހިފުމުގެ ދައުވާވެސް ނިހާންގެ މައްޗަށް ވަނީ ކޮށްފައި އެވެ.
އަދި ނިހާން މަޖިލީހުގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުމަށް 650،000 ދިވެހި ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އޭގައި ހިފައިވާތީ، ރިޝަވަތަށް އެދުމާއި ރިޝްވަތު ހިފުމުގެ އިތުރު ދައުވާއެއް ވެސް ނިހާންގެ މައްޗަށް އުފުލާފައިވާކަމަށް ޕީޖީން ބުންޏެވެ.
މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.