ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލްކޯޓުން ވަގުތީ އަމަރު ނެރުމަށް ބޭއްވި ޝަރީއަތުގައި އެމްއާރްއެމުން ބުނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް އިލެކްޝަނުން އެ ޕާޓީ އުވާލުމަށް ނިންމައި އެކަން އަންގާފައިވާކަމަށެވެ. މީގެ އިތުރުން އެމްއާރްއެމް އިން ވަނީ އެ ޕާޓީގެ ނަމުގައި ހަރަކާތް ހިންގުން ހުއްޓަން އެންގި އެންގުންވެސް ބާތިލުކުރުމަށް އެދިފައެވެ.

މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް، އެ ޕާޓިން ވަނީ ބުނެފައެވެ. އެހެންކަމުން ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށް ސިވިލް ކޯޓްގެ ހުކުމުގައި ވެއެވެ.

ކޯޓުން މި ނިންމުން ނިންމާފައި ވަނީ އިލެކްޝަން ކޮމިޝަނުގެ ޣައިރު ހާޒިރުގައެވެ. ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން، އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމުރުކޮށްފައެވެ.

...........

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އުވާލުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އެޕާޓީން ބުނެފައިވަނީ އެ ޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެނަސް މި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމު ކުރެވޭނޭ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

"އެހެންކަމުން، އެމް.އާރް،އެމް ގެ މަސައްކަތްތަށް ކުރި އެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހުރިހާ ގޮފިތަކާއި، ކޮމިޓީތަކާއި އަދި އެންމެހާ މެންބަރުންނަށް ދަންނަވަމެވެ."

އެމްއާރުއެމް އުވާލަން އިލްކްޝަން ކޮމިޝަނުން ނިންމި ނަމަވެސް، އެ ޕާޓީން ބުނެފައި ވަނީ މިއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. ސަބަބަކީ އީސީން ޕާޓީއަށް އަންގާފައިވާ މުއްދަތުގައި އީސީ އަށް 3،000 މެންބަރުން ހަމަވާ މިންވަރަށް ފޯމު ހުށަހެޅި ކަމަށެވެ.

މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް މައުމޫނާއި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި އެމްއާރްއެމްއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކެއް އެކުގައި ތިބުމަށް ދެ ބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.

"ގާނޫނާއި ހިލާފު އަދި ކޮރަޕްޓް މި ނިންމުމާ ދެކޮޅަށް މަސައްކަތް ކޮށް اللهގެ ވާގިފުޅާ އެކު އަޅުގަނޑުމެން ކާމިޔާބު ހޯދާނަން," މައުމޫން އެ ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.