މިދިޔަ އާދީއްތަ ދުވަހު ބޭއްވި ދެވަނަ ބުރުގެ ވޯޓުގައި އިދިކޮޅު ލީޑަރު ކެމަލް ކިލިޗްދަރޮގްލޫ ބަލިކޮށް، ތުރުކީގެ ރިޔާސީ އިންތިހާބު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބުކުރައްވައި ވެރިކަން ދިފާއު ކުރައްވައިފިއެވެ.
އެންމެފަހުގެ ރިޔާސީ 2 އިންތިހާބުވެސް ކާމިޔާބު ކުރެއްވި އުރުދުޣާން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ %52.14 ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. ހުޅަނގުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ކިލިޗްދަރޮގްލޫ ލިބިވަޑައިގަތީ %47.86 ވޯޓެވެ.
ވެރިރަށް އަންކާރާގެ ރިޔާސީ ކޮމްޕްލެކްސްގެ ބޭރުގައި އެތައް ހާސް ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ މިހާރު މިއީ "އިންތިހާބުގެ މުއްދަތާ ގުޅޭ ހުރިހާ ބަހުސްތަކާއި ކޯޅުންތައް އެއްފަރާތްކޮށް، އަޅުގަނޑުމެންގެ ގައުމީ އަމާޒުތަކާއި ހުވަފެންތަކުގެ ވަށައިގެން އެއްބައިވަންތަވާންވީ" ވަގުތު ކަމަށެވެ.
“އަހަރެމެން އެކަންޏެއް ނޫން، މޮޅުވީ ތުރުކީ. ކާމިޔާބު ހޯދާ ފަރާތަކީ އަހަރެމެންގެ މުޖުތަމައުގެ ހުރިހާ ބައިތަކެއް، އަހަރެމެންގެ ޑިމޮކްރަސީއަކީ ކާމިޔާބު ހޯދާ ފަރާތެއް،” އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި އިންފްލޭޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި މިއަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީ އާއި އަވަށްޓެރި ސީރިއާގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވި ބިންހެލުމުގެ ކާރިސާގައި ޒަހަމްތައް ލިބުނު ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ހިމެނޭ ކަމަށެވެ.
އިންތިހާބުން ބަލިވެވެޑައިގެންނެވި ކިލިޗްދަރޮގްލޫ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިއީ އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލް ނުރައްވާ ކަމަށާއި ތުރުކީއަށް އޭނާ ގެންނަން ބޭނުންވާ ޑިމޮކްރަސީ ގެނެސްފައި ނޫނީ ހުއްޓާނުލާނެ ކަމަށެވެ.