އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ވ. ރަކީދޫގައި ހަދަމުން ގެންދާ ބަންދަރުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ވިދާޅުވެފައިވަނީ މިހާރު ވަނީ އެ ބަނދަރުގެ 65 ޕަސެންޓް މަސައްކަތް ނިމިފައި ކަމަށެވެ. "ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %65 މިހާރުވަނީ ނިމިފައި،" އެމްޓީސީސީން މިއަދު ވިދާޅުވެފައިވެއެވެ.

އެތަނުން ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިއަދު ވަނީ މަސައްކަތުގެ ސައިޓަށް ގެންގޮސްފައި ކަމަށެވެ.

އެ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވިޔަސް އެތަން މުޅިން ނިންމައި ސަރުކާރާ ހަވާލު ކުރެވޭނެ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ލުމާއި 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށިލުން ހިމެނެއެވެ. އަދި 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި ، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމާއި ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.

މި މަސައްކަތުގެ އަގަކީ18,511,404.34 ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 349 ދުވަހެވެ. މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރު އެވެ.