މުޅި މަނަދޫއަށް ބިރުވެރިކަމާއި ސިހުން ގެނުވި ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެތައް ހިތްވަރަކާއި ހޯދުންތަކަކުން ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. މަރާލާފައި އޮތް ނައީމާ މޫސާގެ ލެއިންތަތްތެޅިފައިވާ ހަށިގަނޑު އޮތް ކޮޓަރި ތެރެއިން އެއްވެސް ނިޝާނެއް ފެންނަން ނެތީ ސަބަބެއް ނެތިއެއް ނޫނެވެ. ނައީމާއަށް ހަމަލަ ދިނުމަށް އެެގެއަށް ވަން މީހާ ހުރީ އެއްވެސް ޝައްކުގެ ނިޝާނެއް ނުފެންނާނެހެން ތައްޔާރުވެ ހެޒްމެޓް ސޫޓެއްގައެެވެ. އަދި މަރާލުމަށްފަހު ލައިގެން ހުރި އަންނައުނުތައް އަންދާލައި، މަރާލަން ބޭނުންކުރި ހަތިޔާރު ކަމަށްވާ ދެވަޅިއާއެކު ވަޅުގަނޑެއް ކޮނެ އޭގައި ވަޅުލައިފަސްއަޅާ ފޮރުވައި ހަަމަޖައްސާފައެވެ.
އަދި ކުރިއެކޭވެސް އެއްގޮތަށް ހަމަޖެހިގެން ކާރުގައި ރަށުތެރޭގައި ދުއްވުމަށްފަހު ގެއަށްގޮސް އަނެއް ދުވަސްވެސް އާދައިގެ މަތިން ނިންމާލީއެވެ. ފުލުހުން ރޭދުވާ އެއްކޮށްލައިގެން ނައީމާގެ ގާތިލު ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު ގާތިލުން ހަމަ ގާތުން ހުރިހާ މަންޒަރެއް ބަލަމުން ދުވަސްތަކާއި ރޭތައް ހޭދަކުރަމުން ދިޔައީއެވެ.
އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދިޔަ އާދައިގެ އަންހެނަކު އެހާ އަނިޔާވެރި ގޮތަކަށް މަރާލަން ޖެހުނު ހަގީގީ ސަބަބު އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އެހެންނަމަވެސް މަނަދޫގެ އެކި މީހުންގެ ވާހަކައާއި މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ތިންމީހުންގެ ތެރެއިން އެކަކުގެ ފޭސްބުކް ޕޯސްޓުތަކާއި އަދިވެސް ބައެއްކަހަލަ ކަންތައްތައް އިޝާރާތް ކުރަނީ ނައީމާގެ މަރާލުމުގެ އަސްލު ސަބަބު ނުވަތަ "މަރޑަރމޯޓިވް" އަކީ ސިހުރު ކަމަށެވެ. ނައީމާގެ ކޮޓަރިން ފައިސާ އެއްވެސް އަދި ގަހަނާ ފަދަ އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.
ނައީމާ މަރާ ގުޅިގެން މަނަދޫގެ ގިނަ މީހުންގެ ތުހުމަތަކީ އެއީ ސިހުރުގެ ސަބަބުން ބަދަލު ހިފުމަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"އެވަރުގެ ކަމެއް ނުކުރާނެ ރޭޕް ކަހަލަ ކަމެއްގައެއް. ދެން ފައިސާގެ މުއްސަނދިކަމެއް ހުރި މީހެއް ނޫން ނައީމާއަކީ. އެކަނި އުޅޭ މީހެއް. އޭނަގެ ކުޑަކުޑަ މުސާރަކޮޅާ ހެދި އެވަރެއް ނުކުރާނެދޯ، އެއީ ހަމަ ކޮންމެވެސް މީހަކު އެއޮތީ ބަދަލު ހިފާފައި. ނައީމާއަކީ ސިހުރު ހަދާ މީހެއްކަން." މިއީ އެންމެ ފުރަތަމަ ވެސް ނައީމާގެ މަރާ ގުޅިގެން އެރަށުން މީހަކު ބުނި ގޮތެވެ.
މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ކަމެއްކަން ނައީމާ މަރާލަން އެގެއަށް ވަނުމަށް އަހްޒަމް ބޭނުން ކުރި ހެޒްމެޓް ސޫޓުންވެސް އެނގެއެވެ. ކޮވިޑް ތެރޭ އެ ރަށަށް ގެންގޮސްފައި ހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ ސާމާނުތައް ކުރިއާލާ ހޯދާ އެހިސާބަށް އެމީހުން ދިޔައީ އެރެއަށް ތައްޔާރުވެގެން ކަން ދޭހަވެއެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނީ 23 އަހަރުގެ އަހްޒަމް އަބްދުއްޝަކޫރެވެ. ނައީމާގެ މަރަށްފަހު ޝައްކުވާ ގޮތަކަށް ނޫޅުނު ކަމުގައި ވިޔަސް ފުލުހުން ދިޔައީ އަހްޒަމަށްވެސް ފާރަލަމުންނެވެ. އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައިގައެވެ. ބަންދަށް ފުރަތަމަ ތިން ދުވަސް ދިނުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރުަށް ކޯޓަށް ގެންދިއުމުން ކޯޓުގައި އޭނާ ވަނީ ނައީމާ މަރާލިކަމަށް އެއްބަސްވެފައެވެ. އަދި އަހްޒަމްވަނީ ކޯޓުގައި އޭނާގެ ދެބައިވެރިން ކަމަށްވާ 20 އަހަރުގެ ރިފާޝް އަބޫބަކުރާއި 21 އަހަރުގެ ހަސަން ފަވާޒްވެސް ނައީމާ މަރާލުމުގައި އެހީތެރިވެ ބައިވެރިވިކަމަށް ބުނެފައެވެ.
އަހްޒަމް ނައީމާ މަރާލި ސަބަބު ނޭނގުނު ކަމުގައި ވިޔަސް އޭނާގެ ފޭސްބުކް ސްޓޭޓަސް ތަކާއި ޕޯސްޓުތައް ހިއްސާކޮށް ބުނެފައިވާ ވާހަކަތައް އިޝާރާތް ކުރާ ދިމާލެއް ހާމަވެއެވެ. "ސިހުރެއްނޫން ކޮންމެ ގރއ ބުޔަސް މަށަށް އޮތް އެއްޗެއް ވިއްޔާ މަށަށް ލިބޭނެ، އަދި ބަޔަކު މީހުން މިކަމާކިތަންމެ ހަސަދަވެރި ވިޔަސް،" މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ފޭސްބުކުގައި މި ގޮތަށް ބުނެފައިވާއިރު ދެންހުރީ ބޭވަފާތެރިކަމުގެ ހިތިކަމުގެ ވާހަކައާއި ލޯބިވެރިޔާ އެހެން މީހަކާ ކައިވެނިކުރި ވާހަކައާއި ކުރިމަތީގައި ހެޔޮއެދުނަސް ނުފެންނަތަނުގައި ހެޔޮ ނުވާނެވާހަކައާއި ހެޔޮދުއާ ނުކުރާނެ ވާހަކައެވެ.
އަދިވެސް އަހްޒަމް މިކަން ކުރީ ސިހުރުގެ ކަމެއްގައި ބަދަލެއް ހިފުުމުގެ ގޮތުންކަމަށް ހީވާ ކަންތައް އެބަހުރިކަމަށް އެރަށުން އަހުޒަމް އާ ބެހޭ ގޮތުން ބުނެފައި ވެއެވެ. އަހުޒަމްގެ މައްޗަށް މަސްތުވާތަކެތީގެ ބޮޑު ހުކުމެއް އަންނަ މައްސަލައެއް އޮތް ކަމަށްވުމުން މިކަން އޭގެ ކުރިން މިކަންވެސް ނިންމާލީކަމަށްވެއެވެ.
ނައީމާ މަރާލި ރޭ އެހިސާބަށް އަހްޒަމް އާއި ރިފާޝް އެގެ ކައިރިއަށް ކާރުން ފައިބާ ރިފާޝް މަޑުކުރީ ފާރައަަށް ބޭރުގައެވެެ. އަދި އެތެރެއަށް ވަނީ އަހުޒަމެވެ. އަދި އެވަގުތު އަހުޒަމް ހުރީ ހެޒްމެޓް ސޫޓެއްގައެވެ. ނައީމާ މަރާލުމަށްފަހު ނުކުމެ ކާރުގައި އެމީހުން ގޮސް ލައިގެން ތިބި އަންނައުނާއި ސޫޓު އަންދައި އަދި ހަތިޔާރާއެކު ހުރިހާ އެއްޗެއް ވަޅުލާފައި ރަށުތެރޭގައި ކާރު ދުއްވިކަމަށްވެއެވެ.
ފުލުހުން ވަނީ މިހާރު މިކާރުވެސް ތަހުގީގަށް ނަގާފައެވެ. އަދި އަންދާލައި ވަޅުލާފައި ހުރި ސާމާނުވެސް ނަގާފައެވެ. ފުލުހުންގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ނައީމާގެ މަރުގެ ހަގީގީ މަގުސަދާއި މިއީ ސިހުރާ ގުޅުން ހުރި ކަމެއްތޯ ނުވަތަ ނޫންތޯ އަދި އެނގިފައެއް ނެތެވެ.
އެހެންނަމަވެސް ރަހުމްކުޑަ އަނިޔާތަކެއް ކޮށް ތަކުރާރުކޮށް ވަޅިން ހަމަލަދީ ނައީމާ މަރާލުމާ ގުޅުން އޮތީ ފައިސާ ނޫނީ އެފަދަ އެހެންކަމަކަށްވުރެ ބޮޑަށް ނަފްރަތާއި ހަސަދައިގެ ރޯވުމަކާއެވެ.
ފުލުހުންގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމުން ކޮންމެވެސް އެއްހިސާބަކުން މީގެ އަސްލު ހަގީގަތް އެނގިދާނެކަމަށް އެތައް ދިވެހިންނެއް އިންތިޒާރު ކުރެއެވެ. ނައީމާގެ ގާތިލުން ހައްޔަރުކުރެވުނު ގޮތަށް އެފަދަ ގޮތަކަށް އުމުރުންދުވަސްވީ މީހަކު އެހާ އަނިޔާވެރި ގޮތަކަށް މަރާލަން ޖެހުނީ ކީއްވެގެންކަން ހާމަ ކުރެވޭނެކަމުގެ އިންތިޒާރުގައެވެ. 3 ޒުވާނެއްގެ ހިތުގައި އެހާ ބޮޑު ނަފުރަތަކާއި ހަސަދައެއް އޮތީ ކޮން ސަބަބަކާހެދިތޯ އަދި އެހާ ރަހުމް ކުޑަގޮތަކަށް އުމުރުން ދުވަސްވެފައި އިން އެކަނިވެރި އަންހެނަކު މަރާލީ ކީއްވެގެންތޯ އުފެދޭ ސުވާލަށް ޖަވާބެއް ލިބޭނެ ކަމަށް އެދިގެން ތިބި މީހުން މަދެއް ނޫނެވެ.
ކުރިޔަށް އޮތް ތަނުގައި ސިޔާސީ ލީޑަރުން އަދި އާންމުންގެ މަށްޗަށް ވެރިން. މިއީ ދިވެހިރާއްޖޭގެ ކަންހިނގާ ގޮތް