ދުފަތުން އިސްތިޢުމާލު ކުރާ މީހުން އެކަމަށް ދުވާލަކަށް ހޭދަކުރާ ފައިސާ އެމީހުންގެ ޢާއިލާގެ ކެއުން ބުއިމަށް ޚަރަދުކޮށްފި ކަމަށްވާނަމަ އެކަމުގެ މަންފާ މުޅި މުޖުތަމަޢަށް ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދުފަތުން އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ޞާލިޙުވިދާޅުވީ "އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންވެސް އެ ކަމަށްޓަކައި ކޮންމެ ދުވަހަކު އެ ހޭދަކުރާ ފައިސާއަކީ، އެމީހުންނާއި އެމީހުންގެ ޢާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ހޭދަކުރެވިއްޖެ ނަމަ، މުޅި މުޖްތަމަޢަށް އޭގެ މަންފާކުރާނެ ފައިސާތަކެކެވެ. ހަމައެފަދައިން، އެއީ ތަފާތު ބަލިތައް ތަޙައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ ފައިސާތަކެކެވެ. ރަނގަޅު ކާނާ އާއި ބޯފެނާއި ދިރިއުޅުމުގެ ޒަރޫރީ އެތައް ކަމަކަށް ހޭދަކުރެވިދާނެ ފައިސާތަކެކެވެ."

ރައީސް ވިދާޅުވީ ދުންފަތުން އިސްތިޢުމާލު ކުރުމަކީ، އެކަން ކުރާ މީހާއަށާއި، ދުންފަތުން އިސްތިޢުމާލުކުރާއިރު ކައިރީގައި ތިބޭ އެހެން މީހުންގެ ޞިއްޙަތަށް ވެސް ގެއްލުންވާ ކަމެއް ކަމަށެވެ. އޭގެ އިތުރުން އެ ޢަމަލުކުރާ މީހުންނާ އެކުގައި އުޅޭ އެހެން މީހުންނަށް ވެސް އޭގެ ސަބަބުން ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަންވެފައިވަނީ ބޮޑެތި މައްސަލަ ކުރިމަތި ކުރުވާ އިޖްތިމާޢީ މައްސަލައަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ފެތުރެމުން ދާ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅިފައިވާ ބަލިތަކެވެ. އެފަދަ ބަލިތަކުގައި ބައެއް ގުނަވަންތައް އެކުގައި ހަލާކުވެ ފުރާނަ ގެއްލިގެން ދިއުމަކީވެސް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެކެވެ." ރައީސް ވިދާޅުވިއެވެ.

ދުންފަތުން އިސްތިޢުމާލު ނުކުރާ ދުވަސްފަދަ މުނާސަބާތައް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ

އެފަދަ ނުރައްކާތަކަށް މީހުން ހޭލުންތެރިކޮށް ތިމާވެސް ހޭލުންތެރިވެ، އެފަދަ ނުރައްކާތަކުން ތިމާއާއި އަނެކުން ވެސް ރައްކާތެރިކުރުމަށް މަސައްކަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުމެ މި ސަބަބުތަކަށްޓަކައި، މިއަދު ޢަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި ޢާއިލާއާއި، ގާތް ރަޙުމަތްތެރިންނާއި އެކުވެރިންގެ ސަލާމަތަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ޢާންމުކޮށް މުޅި މުޖްތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.