ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ، ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުންފަތް ހެއްދުމާއި އޭގެ އިސްތިޢުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ ކަމަށެވެ. އެފަދަ ބޮޑު އިސްރާފެއް ކުރަމުންދާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ވެސް ހައިހޫނުކަން އެތައް ބަޔަކު ތަޙައްމަލުކުރަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ދުންފަތުން އިސްތިޢުމާލު ނުކުރާ ދުވާހުގެ ޝިޢާރަކީ، "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" އެވެ. "މި ޝިޢާރުގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން މިހެން އޮތަސް އިންސާނާގެ ފުރާނައަށް ނުރައްކާކުރާ ދުންފަތް ހައްދައި އުފެއްދުމަށް ދަނޑުބިންތައް ބޭނުންކޮށް، ދަނޑުވެރިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެނަސް އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި އުޅެންޖެހޭ މީހުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެފްއޭއޯގެ ތަފާސްހިސާބުތަކާ ޙަވާލާދީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހު ވިދާޅުވީ ފައިބޭ އަހަރު ދުނިޔޭގެ ޖުމްލަ އާބާދީގެ ދިހަ އިންސައްތަ މީހުންނަށް، އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ލިބިފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން، އެމީހުން ދިރިއުޅެން ޖެހިފައިވަނީ ބަނޑުހައިހޫނު ކަމުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އޭގެ ކުރީގެ ދެ ހާސް އެކާވީސް ވަނަ އަހަރާ އަޅައި ބަލާއިރު، ގާތްގަނޑަކަށް ހަތަރު ސަތޭކަ ފަސްދޮޅަސް މިލިއަން މީހުން އިތުރު މިންވަރެކެވެ. މިދިޔަ ދެތިން އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ހައިހޫނުކަމުގެ ތެރެއަށް ވެއްޓެމުން ދަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކާއި އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުންނެވެ." ރައީސް ވިދާޅުވިއެވެ.

"އެ ކަންކަމަށް ބަލާއިރު، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ، ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ." ރައީސް ވިދާޅުވިއެވެ.