ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ކަންކަން ބަދަލުކުރަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިންތިޚާބު ނާކާމިޔާބު ވެއްޖެނަމަ ޤައުމަށް ވެދާނެ ގޮތަކާއިމެދު ތަސްވީރެއް ހުށަހެޅުއްވިކަމަށާއި މިއަދު އޭގެ ވަރަށް ގިނަ ކަންތައްތަކެއް ޤައުމުން ފެނިފައިވާ ކަމަށެވެ.

އެގޮތުން ޤައުމުގެ އިޤްތިޞާދީ ފޭރާން ނިކަމެތިވެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި، އިސްލާމީ ވަހުދަތު ގެއްލެމުންދާތައް ފެންނަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ މިކަންކަން ބަދަލު ކުރުމަށް ދިވެހި ރައްޔިތުންނަށް ލިބިދޭ އެންމެ ރަނގަޅު ފުރުސަތު ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ނިމިދިޔަ ތަނުން އިބްރަތް ހާސިލްކޮށް، މި އިންތިޚާބް ޕީޕީއެމް ކޯލިޝަނަށް ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ. ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ޕީޕީއެމް ކޯލިޝަނަށް މިއިންތިޚާބް ކާމިޔާބް ކުރެވިގެން. ކޯލިޝަން މެމްބަރުން ގޮޑިތަކަށް އިންތިޚާބު ކުރަނީ ސަރުކާރަށް ޖެއްސުން ކުރާކަށްނޫން. ޤައުމު ތަރައްޤީ ކުރުމަށް އެހީވެދީ، އިސްލާދީނުގެ އުސޫލުތައް ދެމެހެއްޓުމަށް. މިނިވަންކަން ދެމެހެއްޓުމަށް. މަސްވެރިންނާއި، ދަނޑުވެރިންނާއި، މަސައްކަތްތެރިންގެ ހައްޤު ކަށަވަރު ކުރުމަށް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބު ވެގެންދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުރަގޭގައި ދެމުންދާ އަނިޔާތަކަށް ނިމުން ގެނުވައި އެމަނިކުފާނު މިނިވަން ކުރުމަށް ހެދޭ އިންތިޚާބަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއިއެކު އިންތިޚާބަށް ނިކުމެ އަލުން އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތަށް ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.