ލޯފަން މީހުންނަށް އަމިއްލައަށް އެއްވެސް އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭ ގޮތައް ކޮމިޓީން ފާސްކޮށްފިއެވެ.
ލޯފަން މީހުންނަށް އެހީތެރިއަކާ ނުލައި އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީގައި އިއްޔެ ވަނީ އެކަމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އެކަމާ ގުޅިގެން މިއަދު ވަނީ، އެ އިސްލާހު 63 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ.
ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހުމޫދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓުންނެވެ. އެ ބިލުގައި ވާގޮތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތައް އަކުރެއް އިތުރު ކުރުމަށްޓަކައި ހުށަހެޅުއްވި އު އިސްލާހުގައި ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭ ނަމަ، އެކަމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށެވެ.
އެ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އަދި ވޯޓު ލާ ނިމެންދެން އެއްވެސް މީހަކު އެތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ، އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ގޮވާލާފައި ވަނިކޮށެވެ. އަދި އެކަމަށްޓަކައި އެ އެސޯސިއޭޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކޮށްފައެވެ.