މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރަނިކޮށް އަލިފާން ރޯވި "ހޮރައިޒިއާ 2" ބޯޓުގައި ތިބި މީހުން މިހާރު ވަނީ ބ ކަމަދޫއަށް ގެންގޮސްފައެވެ. ބޯޓުވަނީ ބޭނުންކުރެވޭވަރަށްވުރެ މާބޮޑަށްވެސް އަނދައި އެތައް މުދަލަކާއެކު އަޑިއަށް ގޮސްފައެވެ.

ބޯޓުގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓުގެ އުތުރުން 3.04 ނޯޓިކަން ބޭރުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ. އަދި އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަށް ލިބިފައިވަނީ 19:16 އެހާކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

"ހޮރައިޒިއާ 2" ގައި އެވަގުތު ތިބީ 10 މީހުންކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. އަދި އެ އެންމެން ފޯ ސީޒަން ރިސޯޓް ލޯންޗެއްގައި މިރޭ 20:25 ހާއިރު ބ.ކަމަދޫއަށް ގެންދެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން ބޯޓުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. ބ. އޭދަފުށީ ސީ-އެމްބިއުލާންސާއި ޅ. މާފިލާފުށީ ކޯސްޓްގާޑު ހާބާ ކްރާފްޓު ލޯންޗު މިހާރު ދަނީ "ހޮރައިޒިއާ 2" އޮތް ސަރަހައްދަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާގައި އެމްއެންޑީއެފްގެ އެދިލެއްވުމަކަށް ލަނޑާގިރާވަރު ރިސޯޓުން ދެއްވި އަވަސް އެހީތެރިކަމަށްޓަކައި އެ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބޯޓުގައި، ގިނަ އަދަދެއްގެ ދާގީނާއާއެކު ސަތޭކަ އެތަކެއް ބަސްތާ ކާޑާއި ހަތްސަތޭކައަށްވުރެ ގިނަ ބަސްތާ ހިލައާއި ހިލަވެލީގެ އިތުރުން ފިލާ، ލަކުޑި، ޓިނުގެ އިތުރުން އަދިވެސް އެތައް ބައިވަރު ބޭނުންތެރި ސާމާނުހުރި އިރު، މިއިން އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވި ބޯޓު ވަނީ މިރޭ ދިހައެއްޖެހުމަކާ ގާތްވެފައި ވަނިކޮށް އަނޑިއަށް ގޮސްފައެވެ. މިއީ އެބޯޓުގެ ވެރިފަރާތުގެ އިތުރަށް އެތައް ވިޔަފާރިއަކަށް ލިބުނު ފޫބައްދަން ދަތި ގެއްލުމަކަށް ނޫނީ ނުވާނެއެވެ.