ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް މިއަދު ދަތުރުފުޅެއް ފަށްޓަވައިފިއެވެ. މިއީ އެމަނިކުފާނު އެސިޓީއަށް ކުރައްވާ ތިންދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އެންމެމަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް ފަށްޓަވައި ދެއްވާނެއެވެ. އޭގެ އިތުރުން މިހާރު ކުރިޔަށްދާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވައި ލައްވާނެއެވެ.

މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު އެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، އެންމެބޮޑަށް ފާހަގަ ކޮށްލެވެނީ މަގުތައް ހެދުމުގެ މަޝްރޫޢެވެ. އެ މަސައްކަތްތައް ކުރިޔަށްދާގޮތް މިދަތުރުފުޅުގައި ރައީސް ބައްލަވައި ލައްވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި، އައްޑޫ ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ތަރައްޤީނުކޮށް ރާއްޖެ ތަރައްޤީ ނުވާނޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ގެންދަވަނީ ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން އެސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުންނެވެ. އެ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސްގެ މިދަތުރުފުޅުން ދިރުމެއް ލިބި އިތުރަށް ހަލުއިވެގެންދާނެއެވެ.

އައްޑޫގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއެކު ސަރުކާރުން ބޭނުންފުޅުވަނީ އެ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި ހަބަކަށް އެތަން ހެދުމަށެވެ. މިއީ ރައްޔިތުންގެ ފައިދާއާއި މަންފާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރައްވާ ކަންކަމެވެ.