ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެދާއިރާގެ އެސްޓެބްލިޝްމެންޓުތަކަށް ދޭ 'މޯލްޑިވްސް ޓޫރިޒަމް އެވޯޑް' އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތައް ހުޅުވާލައިފަވަނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. މިފަހަރު އެވޯޑްގައި 5 ކެޓަގަރީ އިން 59 އެވޯޑެއް ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިއީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގައި ދޭން ފެށި "ޓޫރިޒަމް އެވޯޑް" ގެ ދެވަނަ ބުރެވެ. މި އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ގައުމީ ފެންވަރުގައި ދޭ އެވޯޑެކެވެ.

މި ފުރުސަތު ރިސޯޓު، ޓޫރިސްޓު ހޮޓެލް، ސަފާރީ، ގެސްޓްހައުސްތަކަށާއި ޓްރެވަލް އެޖެންސީތަކަށް އަދި ފަތުރުވެރިންނަށް ހިދުމަތްދޭ ޑައިވް ސެންޓަރު ތަކަށާއި ވޯޓާ ސްޕޯޓްސް ސެންޓަރުތަކަށްވެސް އޮވެއެވެ.

އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޖޫން 8 އިން ޖުލައި 16 ގެ ނިޔަލަށެވެ. މިއެވޯޑަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ އޮންލައިންކޮށެވެ. އެވޯޑު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ ޖޫން އިން މި އަހަރުގެ މޭގެ ނިޔަލަށް ކޮށްފައިވާ މަސައްކަތަށެވެ.

މިދިޔަ އަހަރު ދިން 'މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022'ގެ 'ބެސްޓް ރިސޯޓް' އަކަށް ހޮވުނީ ވަން އެންޑް އޮންލީ ރީތި ރަށެވެ.