ރައީސް އިންޑިއާގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށާއި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިހަދިސާގައި މަރުވި މީހުންގެ އެންމެހާ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށާއި، ހެޔޮ ދުއާތައްވަނީ އިންޑިއާ ސަރުކާރާ އަދި އެގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.

އޮޑިޝާ ސްޓޭގެ ބަލަސޯރު ޑިސްޓްރިކްޓްގައު ހިނގި މި އެކްސިޑެންޓަކީ އިރުމަތީ އިންޑިއާގައި ދުއްވަމުންދިޔަ ދެ ރޭލެއް ދަގަޑުން ކައްސާލައި، ކާގޯއާއެކީ ދަތުރުކުރަމުންދިޔަ ރޭލަކާއި މުޑިއަރާ ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި 288 މީހަކު މަރުވެ، 800 މީހުންނަށް ވަނީ އަނިޔާ އެކުވަރުގެ އަނިޔާ ލިބިފައެވެ. އަދި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ސްޓޭގެ ސިވިލްސާވިސްގެ އެންމެ އިސްވެރިޔާ ޕްރަދީޕް ޖެނާ ވިދާޅުފައިވެއެވެ.

އެކްސިޑެންޓަށްފަހު އާންމުވެފައިވަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވެ ހަލާކުވެފައިވާ ރޭލުގެ ބައިތަކުގެ މައްޗަށް މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ވަނީ ފެނިފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފާއިތުވި ހުކުރުދުވަހު އިންޑިއާގެ ގަޑިން އިރުއޮއްސި 7 ޖަހާކަންހާއިރު އެވެ. އަދި މީހުން ސަލާމަތްކުތާ ފަރާތަކުންވަނީ އެކްސިޑެންޓުގައި އަނިޔާވި މީހުން ސަލާމަތް ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ލޯންޗު ކޮށްފައެވެ.

މިއީ އިންޑިއާގެ ފަހުގެ ތާރީޚުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.