އަންނަ މަހު މިފްކޯއިން އައްޑޫ ސިޓީގައި ހުރި ބްރައިން ފްރީޒިން ކެޕޭސިޓީ، 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ހަވީރު އައްޑޫސިޓީގެ ގަމުގައި، އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް، އައްޑޫ އެއާޕޯޓު ތަރައްގީކުރެވުމުން މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އައްޑޫގައި ތަރައްގީކުރަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ އެއާޕޯޓުގެ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ހިދުމަތުގެ ސަބަބުން ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. އެއީ ހަރަދުކުޑަވެ، މަގުކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނޭ ހައްލެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ، އަދި އޯގަސްޓުމަހު ތެރޭގައި އޯގަސްޓް މަހު ތެރޭގައި މިފްކޯގެ މަސްބަނދަރު ބޭނުން ކުރަން ފެށެވަރަށް ތަރައްގީކޮށް ނިމޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ އައްޑޫސިޓީ ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި މިހާރު ކުރަމުން މިދަނީ އެމަަސައްކަތް ކަމަށެވެ. މިމަގުސަދު ހާސިލު ކުރުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީގެ އިގްތިސާދީ ހުރިހާ ބުރު އެކުއެކީ އެނބުރިގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.