ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކޮށްފި އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު މައްސަލައިގައެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ ޝިޔާމް މަގާމުގައި ހުންނެވި އިރު ސިފައިންގެ ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލާގައި އޭނާއަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ކުރީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

މި މައްސަލަ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މީގެކުރިން ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް ޕީޖީ ހުސައިން ޝަމީމްގެ އެންގެވުމަކަށް މި މައްސަލަ އަލުން ރިވިއުކުރީއެވެ.