އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު ޓެކްނޮލޮޖީއާއި، އިނޮވޭޝަން ދާއިރާއިން ގުޅުން ވަރުގަދަ ކުރުުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަރބަންކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރ އާނިޝް އެންތަނީއެވެ.
އާބަންކޯއިން ވިދާޅުވި ގޮތުގައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެއްބަސްވުމުގެ ދަށުން އަރބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރަންސްފަރ ކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވުޖޫދުވި އެއްބަސްވުމެކެވެ.
ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އަރބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެެވެެ. ރައްޔިތުންނަށް ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއްވެސް މެއެވެ.